މީޑިއާ ކައުންސިލް އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ނޫސްވެރިކަމުގެ އާންމު މިންގަނޑުތަކާއި ހިލާފު ވީޑީއޯއެއް ދެއްކި މައްސަލަ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިރޭ ޕީއެސްއެމް އިން އާންމު ކުރި ނޫސްބަޔާނެއްގައި އެ ކުންފުނިން ބުނީ އެވޯޑް ހަފްލާ ޕީއެސްއެމްއިން ލައިވް ކޮށް ދުރަށް ދައްކަމުން ދަނިކޮށް، ހަފްލާ ތެރޭގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާއި، ނޫސްވެރިކަމުގެ މިންގަނޑުތަކާއި ހިލާފު ވީޑިއޯއެއް ހަފްލާ އިންތިޒާމު ކުރި ފަރާތުން ދައްކާފައިވާ ކަމަށެވެ.
ޕީއެސްއެމް އިން ބުނީީ އެ ކުންފުނިން ލައިވް ކަވަރޭޖް ހަދާ ހަފްލާތަކުގައި ދައްކާ ވީޑިއޯ ފުޓޭޖުތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލްއަށް ފެތޭ ކޮންޓެންޓަށް ވާން ޖެހޭނެ ކަމަށެވެ. އަދި ރޭގެ ހަފްލާގައި ނޫސްވެރިކަމުގެ މިންގަނޑާއި ހިލާފު ވީޑިއޯއެއް ދައްކާފައިވަނީ ދުރާލާ ރާވައިގެން، ޕިއެސްއެމްގެ އެޑިޓޯރިއަލް އުސޫލާއި ހިލާފު ކޮންޓެންޓް ޕީއެސްއެމްއިން ދެއްކުމަށް މީޑިއާ ކައުންސިލުން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
“ މިކަމަކީ ޕީއެސްއެމްއަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ގެއްލި، ކުންފުނީގެ މައްޗަށް އޮތް ގާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސް އެޅި، އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ލިބިދާނެފަދަ އަމަލެއް ކަމުގައި ދެކެމެވެ. “ ޕިއެސްއެމް އިން އާންމު ކުރި ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ޕީއެސްއެމްގެ ތަސައްވަރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭފަދަ އަމަލެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ހިންގާފައިވާތީ އެމައްސަލަ ބަލައިދިނުމަށް އެދި ޕީއެސްއެމްގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
ރޭ ކުރިޔަށް ދިޔަ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަބުރަށް ހުތުރުވާ ގޮތަށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީ ވީޑިއޯއެއް ވަނީ ދައްކާފައެވެ. މި ވީޑިއޯ އަކީ ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ރޭ ލިބުނު އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓަރީ އެކެވެ.



