ވޭޕް އާއި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ރައީސް މިބިލު ތަސްދީގުކޮށްފައި ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސް ކުރުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުން މިބިލު ފާސްކޮށްފައި ވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ ތެރެއިން 71 މެންބަރެއްގެ ވޯޓުންނެވެ.
ސަރުކާރުން އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ސިނގިރޭޓާއި ބިޑިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ އިތުރުން އީސިނގިރޭޓާއި ވޭޕްގައި ބޭނުންކުރާ ފްލޭވާ އަދި ކެމިކަލް ފަދަ ތަކެތިން ނަގާ ޑިއުޓީ ވެސް ބޮޑު ވާނެއެވެ.
މިއިސްލާހަކީ ރައީސް ޑރ. މުޙައްމަދު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް ވޭޕާއި އީސިނގިރޭޓު އަދި އެއާގުޅޭ ބާވަތްތައް އެތެރެކުރުން މަނާވާނެ ކަމަށް ކަނޑައެޅުމުގެ ސަބަބުން ގެނައި އިސްލާހެކެވެ. މިއާއިއެކު ގާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން މިމަހުގެ 15 ދުވަހުގެ ކުރިން ރާއްޖެ އެތެރެކުރާ އެފަދަ ތަކެތިން ޑިއުޓީ ބޮޑުކުރެވިގެންދާނެއެވެ.
މަޖިލީހުން ފާސްކޮށް ރައީސް ރޭގަ ތަސްދީގުކޮށްފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި 1 ނޮވެމްބަރުން ފެށިގެން 50 ޕަސެންޓް އަދި ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާ ނަގާނެއެވެ. އަދި ކުރިން ސިނގިރޭޓާއި ބިޑިން ނަގަމުން އައީ 25 ޕަސެންޓް ޑިއުޓީ އަދި ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން 3 ރުފިޔާއެވެ.
މިއާއިއެކު އީ-ސިނގިރޭޓު ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެނޫން އާލަތްތަކަށް އަޅާ ފްލެވާއާއި ކެމިކަލުން 50 ޕަސެންޓް އަދި ކޮންމެ މިލިލީޓަރަކުން 8 ރުފިޔާގެ ޑިއުޓީ ނަގާނެއެވެ.
މިތަކެތީގެ އިތުރުން، ހީޓަޑް ޓޮބެކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 ޕަސެންޓް އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާގެ ޑިއުޓީ ނަގާގޮތަށް ވެސް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.
މީގެ އިތުރުން އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންވާ ކުރާ އާލާތަތްކަށް ހީޓަޑް ޓޮބެކޯ އުފެއްދުންތަކުން 200 ޕަސެންޓުގެ ޑިއުޓީ ނެގުމަށްވެސް ރައީސް ތަސްދީގު ކުރެއްވި އިސްލާހުގައި ބަޔާންކޮށްފައެވެ.
މިއާއިއެކު، ރައީސް ތަސްދީގު ކުރެއްވި އިސްލާހުގެ ސަބަބުން ރާއްޖެއަށް އިމްޕޯޓް ޑިއުޓީން އަންނަ އަހަރު އިތުރަށް 1.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.




