މިނިވަން ނޫސްވެރިކަން ހިމާޔަތްކުރަން އެންމެން ތެދުވަންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ވެސް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށާއި މީޑީއާ އަކީ ޑިމޮކްރަސީ ހިފަހައްޓައިދޭ އެއް ތަނބު ކަމަށެވެ.
މީގެއިތުރުން، މި ޤައުމުގެ ނޫސްވެރިކަމުގެ މާހައުލު އޮންނަން ވާނީ، ހާާމަކަން ބޮޑުކޮށް މަސައްކަތް ކުރެވޭ ގޮތަށް އަދި ޖަވާބުދާރީ ކުރުމުގެ ޒިންމާ އުފުލޭގޮތަށާއި ނޫސްވެރިންނަށް މައުލޫމާތު ލިބޭގޮތަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މީޑިއާގެ އަޑު ކެނޑުމަށް ނުވަތަ ފަރުދުންގެ ޕްރޮފެޝަނަލް ނަޒާހަތްތެރި ކަމަށް އަދަބު ދިނުމަކީ މި ޑިމޮކްރެޓިކް ތަނބުތައް ބަލިކަށިކުރާނޭ ކަމެއް ކަމަށެވެ.
”މިނިވަން ނޫސްވެރިކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް އަޅުގަނޑުމެން އެންމެން ހިތްވަރާއެކު ތެދުވަން ޖެހޭ،“ އާޒިމް ވިދާޅުވި އެވެ.
އާޒިމް މިހެން ވިދާޅުވީ ނޫސްވެރިންގެ އެވޯޑު ހަފްލާގައި ’ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު‘ ވީޑިއޯއެއް ދެއްކި ކަމަށް ބުނާ މައްސަލައެއްގައި މީޑިއާ ކައުންސިލުގެ ރައީސް މަގާމުގައި ހުންނެވި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އަހުމަދު މުސްތަފާ އެ ކުންފުނިން ވަކިކޮށްފައިވަނިކޮށެވެ.
މުސްތަފާ ޕީއެސްއެމްގައި ހުރި މަގާމުން އޭނާ ވަކިކުރުމަށްފަހު ޕީއެސްއެމުން ވަނީ މީޑީއާ ކައުންސިލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.



