ދައުލަތުގެ މުވައްޒަފުން ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުން ހުއްޓުވަން ގާނޫނޫލްއުގޫތަށް އިސްލާހު ގެންނަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުމަކީ ދައުލަތުގެ ތެރޭގައި އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އަދި އެ ނިޔަތާއި އަޒުމް ފެންނަ އިސްލާހެއް ކަމަށް ދާޚިލީ ސަލާމާތާއި ފަންނީއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ޤާނޫނުލްޢުޤޫބާތް އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ވިދާޅުވީ ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މިއާއި ގުޅިގެން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު އޮތް ޤާނޫނުގައި އެ މާއްދާ ލިޔެފައި އޮތީ އެ ވާހަކަ ގަދައަށް ދައްކާފައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭ ގޮތަށް ކަމަށެވެ.
”އަދި ދައުވާކޮށްފިއްޔާ ސާބިތު ނުވާ ގޮތަށް. އަދި ކަންކުރުމުގެ ނިޔަތް ނެތި ލިޔެފައި އޮތް މާއްދާއެއް ގޮތަށް،“ އޭނަ ވިދާޅުވި އެވެ.
މީގެއިތުރުން، ރައީސް ޑރ. މުއިއްޒު ޤާނޫނުލްއުޤޫބާތަށް ގެންނަވަން ނިންމެވި އިސްލާހަކީ ދައުލަތްތެރޭ އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އަދި އެނިޔަތާއި އަޒުމް ފެންނަ އިސްލާހެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.




