ޕީޕަލް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ނަގާ ތާރީޚު ފަސްކޮށްފިއެވެ.
ޕީއެންސީއިން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 9 ނޮވެމްބަރުވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ދާއިރާތަކުގެ މަގާމުތަކުގެ އިންތިހާބު 2024 ނޮވެމްބަރު 23 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި މިބަދަލު ގެނައުމަށް ނިންމާފައި ވަނީ ޖުމްހޫރީ ދުވަސް ކަމުގައިވާ 11 ނޮވެމްބަރު ވާ ހޯމަ ދުވަހާއި ގުޅިގެން 10 ނޮވެމްބަރަކީ ވެސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެއްވުމާއި ގުޅިގެން އެހަފްތާ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރުމަށް ހަމަޖެހިފައިވާތީވެއެވެ.
މީގެއިތުރުން 9 ނޮވެމްބަރު ވާ ހޮނިހިރު ދުވަހު ވޯޓު ލުމުގައި މެންބަރުންނަށް ތަކުލީފު ކުރިމަތިވާނެތީވެ، ވޯޓު ނަގާ ތާރީޚު އެހެން ތާރީޚަކަށް ބަދަލުކޮށްދިނުމަށް އެދި ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންގެ އެދުމުގެ މަތީން ވޯޓު ނަގާ ތާރީޚު ބަދަލުކޮށްފައިވާ ކަމަށް އެޕާޓީން ބުނެފައިވެއެވެ.
އެހެންކަމުން، ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ނަގާ ތާރީޚު 2024 ނޮވެންބަރު 24 ވާ ހޮނިހިރު ދުވަހަށް ބަދަލުވުމާއި ގުޅިގެން އިންތިހާބު ބާއްވަން ޖެހޭ ދާއިރާތަކާއި، ރަށްރަށް އަދި ކެންޑިޑޭޓުންގެ ނަންތަކާއި، ވޯޓު ލެވޭ މީހުންގެ ލިސްޓު 2024 ނޮވެންބަރު 10 ވާ އާދިއްތަ ދުވަހު އާންމުކުރާނެ ކަމަށް ވެސް އެޕާޓީން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.



