މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް އަހުމަދު މުސްތަފާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި އަދާކުރައްވަމުން ގެންދެވި ވަޒީފާ އިން ރޭ ވަކިކުރުމަށް ފަހު، މިއަދު އަލުން ވަޒީފާ އިޔާދަކޮށްދީފިއެވެ.
ނިއުސް އޮފަރޭޝަންސްގެ މަގާމު ފުރުއްވަމުން ގެންދެވި މުސްތަފާގެ ވަޒީފާ އިޔާދަކޮށްދިނީ ވަޒީފާ އިން ވަކިކުރި މައްސަލަ މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން މުސްތަފާގެ ފަރާތުން ބޯޑަށް ހުށަހެޅުއްވުމުން ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.
މުސްތަފާ ޕީއެސްއެމްގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާ 30 އަހަރަށް ވުރެއް ދިގު މުއްދަތަކަށް މަސައްކަތް ކޮށްފައިވަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްތަފާ ޕީއެސްއެމުން ވަކިކޮށްފައި ވަނީ އެމްއެމްސީ އެވޯޑު ހަފްލާގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނު ”އަދަދު“ އޮންލައިންގެ ”ސްކީލާން“ ޑޮކިއުމެންޓްރީ ޕީއެސްއެމުން ލައިވްކޮށް ދެއްކި މައްސަލައިގައެވެ.
މިމައްސަލައިގައި މުސްތަފާ ވަޒީފާއިން ވަކިކުރުމުގެ އިތުރުން، ޕީއެސްއެމުން ވަނީ މީޑިއާ ކައުންސިލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.



