މޯލްޑިވްސް މީޑިއާ ކައުންސިލްގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑްގެ ނަޒާހަތްތެރި ކަމާމެދުގައި ސުވާލު އުފައްދަވައި ކައުންސިލްގެ މެންބަރު ޢަލީ ނިޝާން، އިއްޔެގެ ވަގުތެއްގައި ސޯޝަލް މީޑިއާ މަންސަރެއްގައި ކޮށްފައިވާ ސީރިއަސް ތުހުމަތުތަކަކީ އޭގައި އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމުގައި އެކައުންސިލުގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވެފައި ވަނީ 11 ނޫސްވެރިންގެ އިނާމު ދިނުމުގެ ހަފްލާ އާއި ގުޅިގެން ކައުންސިލުގެ މެންބަރު އަލީ ނިޝާން ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި އެމްއެމްސީގެ ރައީސްގެ ހައިސިއްޔަތުން މުސްތަފާ މިރޭ ނެރުއްވި ބަޔާނެއްގައެވެ.
ބަޔާނުގައި މުސްތަފާ ވިދާޅުވީ މެންބަރު ޢަލީ ނިޝާން އެފަދަ ތުހުމަތު ކުރައްވާފައިވާއިރު، އެވޯޑް ޙަފްލާގެ އެއްވެސް ކަމެއްގައި ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން މުސްތަފާގެ ސީދާ ބައިވެރިވުމެއް ނެތްކަން ކައުންސިލްގެ އެންމެހައި މެންބަރުންނާއި މުވައްޒަފުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
”އިއްޔެގެ ވަގުތެއްގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އަޅުގަނޑަށް ކޮށްފައިވާ ސީރިއަސް ތުހުމަތުތަކަކީ އޭގައި އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމުގައި ދަންނަވަން“ ބަޔާނުގައި ބުނެފައިވެއެވެ
މީގެއިތުރުން، އިނާމު ލިބޭ މީހުންނާއި ނޮމިނޭޓްވި މީހުންގެ މައުލޫމާތު އެ އެވޯޑު ހަފުލާގެ ކުރިން އެނގިވަޑައިނުގަންނަވާ ކަމަށާއި ކައުންސިލްގެ ރައީސްގެ ސީދާ ބައިވެރިވުމެއް ނެތި ނޫސްވެރިކަމުގެ އެވޯޑާ ގުޅޭ ކަންކަން ކުރުމަކީ އެމްއެމްސީ އުފެދުނީއްސުރެ އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް މުސްތަފާ ފާހަގަކުރެއްވިއެވެ.
މި ފަހަރުގެ އެވޯޑުތަކުގެ ނޮމިނޭޝަންތަކާއި އެއާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ސީދާ ނިޝާން އަދި އިނާމު ކޮމިޓީގެ ނައިބު މުގައްރިރުގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. އެގޮތުން، އެވޯޑަށް ނޮމިނޭޓްވި މީހުންގެ ކޮންޓެންޓު އެޑިޓް ކުރުމާއި އެއަށް ބޭނުންވާ ގްރެފިކްސް ވެސް ހަދާފައިވަނީ ނިޝާންގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް މުސްތަފާ މިރޭ އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
”މިގޮތަށް ނިންމާފައިވަނީ ކައުންސިލްގެ ޖަލްސާއެއްގަ އެވެ. މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލްގެ މެމްބަރަކަށް އަދި ރައީސްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބިފައި ނުވެ އެވެ،“ މުސްތަފާ ވިދާޅުވިއެވެ.
ނިޝާންކޮށްފައިވާ ތުހުމަތުތަކަށް މުސްތަފާ ރައްދުދެއްވާފައިވާއިރު، ނިޝާން އިއްޔެ ނެރުނު ބަޔާނުގައި އެވޯޑަށް ކުރިމަތިލި މީހުންގެ ނަތީޖާއަކީ ވަކި ބައެއްގެ ބެލުމުގެ ދަށުގައި ހުރި އެއްޗަކަށް ވިއަސް، އެމްއެމްސީގެ ރައީސް މުސްތަފާ ކަމާ ގުޅޭ މީހުންގެ ހުއްދަ ނެތި އެ މައުލޫމާތުތައް ބެއްލެވި ކަމަށް ބުނެފައިވެއެވެ.



