ޔަހޫދީ އިޒްރޭލު ސިފައިން ޣައްޒާގެ އާންމު މީހުން ދިރިއުޅޭ ސަރަހައްދުތަކަކަށް އިއްޔެ ހަމަލާދީ، 84 ރައްޔިތަކު މަރާލައިފިއެވެ.
ޣައްޒާގެ ދައުލަތުގެ މީޑިއާއިން މައުލޫމާތު ދީފައިވާ ގޮތުގައި އިޒްރޭލުން އިއްޔެ ވަނީ އާންމު ރައްޔިތުން ދިރިއުޅޭ ދެ ސަރަހައްދަކަށް ހަމަލާ ދީފައެވެ.
މިހަމަލާތަކުގެ ސަބަބުން ޣައްޒާގެ 50 އަށްވުރެ ގިނަ ކުޑަ ކުދިން މަރުވެފައިވާ ކަމަަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މިހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުން ބުނީ އެ ޤައުމުގެ އަސްކަރިއްޔާއިން މިހާރު ވާނީ ހަމާސްގެ އިސް އޮފިޝަލު އިޒްއަލްދީން ކައްސާބު ވެސް މަރާލާފައި ކަމަށެވެ.
ހަމާސްގެ އިސް އޮފިޝަލުން ބުނީ، ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލާ ސުލްހަވެރި މަޝްވަރާތަކެއް ކުރުމަށް އެދުމުން އިޒްރޭލުން ބީރުކަންފަތެއް ދީފައިވާ ކަމަށާއި އެކަމަށް އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭ ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް ދީފައިވާ ހަމަލާތަކުގެ ސަބަބުން ޣައްޒާއިން 43،259 ރައްޔިތަކު މަރުވެ، 101،827 މީހުން ޒަހަމްވެފައުވެއެވެ.




