ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ”ހިތް ފަސޭހަ ހުޅުމާލެ“ ގެ ނަމުގައި ފަށާފައިވާ ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ފޭސް 2 ގެ އެކި ސަރަހައްދުތައް ސާފުކުރަން ފަށައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭ ފޭސް 2 ގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެޗްޑީސީގެ ހުރިހާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
އެގޮތުން ހުޅުމާލޭ ފޭސް 2 ގެ ބީޗު ސަރަހައްދާއި ރައްގަނޑު ސަރަހައްދު ސާފު ކުރުމުގެ ބުރަ މަސައްކަތް އެޗްޑީސީގެ މުވައްޒަފުން މިހާރުވެސް ދަނީ ކުރަމުންނެވެ.

ސާފުކުރުމުގެ މަސައްކަތުގެ އިތުރުން އެޗްޑީސީން ދަނީ އެ ސަރަހައްދުގައި އިތުރު ހަރަކާތްތަކެއް ވެސް ކުރަމުންނެވެ. އެގޮތުން އެއްކުރާ ކުނި އޮޑިޓު ކުރުމުގެ މަސައްކަތާއި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން މައުލޫމާތު ދިނުމާއި ކުލަ ޖެއްސުމުގެ ފުރުސަތު ދިނުމަށް މޭޒެއް ވެސް ބަހައްޓާފައިވެއެވެ.
ހުޅުމާލޭ ޒީނަތްތެރި ކުރުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި މައު ގަސްތައް އިތުރު ކުރުމުގެ މަސައްކަތްތައް ވެސް އެޗްޑީސީން ވަނީ މިދިޔަ މަހު ފަށާފައެވެ.

ޒީނަތްތެރި ކުރުމުގެ އިތުރުން ހުޅުމާލޭގެ ތަރައްޤީއަށްވެސް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް އެކުންފުނީގެ އެމްޑީ ފަޒުލް ރަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އެގޮތުން ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ތަރައްގީއަށް ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުން ކަމަށާއި ކުރަން ހުރި މަސައްކަތް އަދި ނުކުރެވި ހުރި މަސައްކަތް ހުންނާނެ ކަމަށް ގަބޫލު ކުރަން ވާނެ ކަމަށެވެ. ފަޒުލް އެއިރު އިޝާރާތް ކުރެއްވީ ހުޅުމާލޭ ފޭސް 2 ގެ މަގުބައްތިތައް ނުދިއްލި ހުރުމުގެ ސަބަބުން އުފެދިފައިވާ ކަންބޮޑުވުން ތަކަށެވެ.



