67 ވަނަ ކޮމަންވެލްތް ޕާލަމެންޓަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޒިމް އޮސްޓްރޭލިއާގެ ސިޑްނީއަށް ފުރާވަޑައިގެންފިއެވެ.
މަޖިލިހުގެ ނައިބު ރައީސް އޮސްޓްރޭލިއާއަށް ފުރާވަޑައިގެންފިކަން އެ މަޖިލިހުން ރޭގައި ވަނީ ”އެކްސް“ މެދުވެރިކޮށް ހާމަކޮށްފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ނާޒިމް އާއެކު މި ދަތުރުފުޅުގައި އޮސްޓްރޭލިއާއަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.
މި މެންބަރުންގެ އިތުރުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި މަޖިލީހުގެ ފޮރިން ރިލޭޝަންސްގެ ޑިރެކްޓަރު ޒުއްޔިނާ ބަދުރީ ވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލިހުން ހާމަކުރައްވާފައިވެއެވެ.
67 ވަނަ ކޮމަންވެލްތް ޕާލަމެންޓަރީ ކޮންފަރެންސް ކުރިއަށް ދާނީ މިމަހުގެ 3 ން 8 އަށެވެ.


