ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސާ ފިލަން މަސައްކަތް ކުރި މީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ 22:42 ހާއިރު ހުޅުމާލޭ ރީތިގަސް މަގުން ބާރު ސްޕޭޑެއްގައި ދުއްވި ސައިކަލެއް މަޑުކުރަން ފުލުހަކު ބުނުމުން މަޑުނުކޮށް ދާން އެމީހާ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެ ސައިކަލު ހުއްޓުވަން އުޅުމުން، ފުލުސް މީހާ ގައިގައި ސައިކަލުން ޖައްސާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން އެމީހާ މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހދ. ކުޅުދުއްފުށި މިލްކުރާގެ އަހްމަދު ޝާހީން ޝަހީދު (18އ.) އެވެ.
ސައިކަލުން ޖެއްސި ފުލުސްމީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



