މާލޭ ސަރަހައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލްތަކުން މިހާތަނަށް 1300 މީހުން އާސަންދަ ސްކީމްގެ މެޑިކަލް ޗެކްއަޕް ހަދާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެފިއެވެ.
މިއީ ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު ދެ ފަހަރު އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ހެއްދޭގޮތް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ 14 ހަފުތާގެ ވައުދެއްކަމަށްވާއިރު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އާއި ހަވާލާދީ ޕީއެސްއެމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސްގެ ވައުދުފުޅާ އެއްގޮތައް މި ފުރުސަތު ހުޅުވާލުމުން އައިޖިއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން މިހާތަނަށް 1336 މެޑިކަލް ޗެކަޕް ވަނީ ހަދާފައެވެ.
އަބްދުއްރައްޒާގު އިތުރަށް ވިދާޅުވީ އޭގެ ފައިދާ މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ ކަމަށެވެ.
”އަބަދުވެސް ޓާޝަރީ ކެއާގެ ހޮސްޕިޓަލްތަކަށް މިއަންނަނީ ބަލިވީމަ އެއަށް ފަރުވާ ހޯދަން. އެކަމަކު ބަލިވުމުގެ ކުރިން ނޫނީ އެބަލި ބޮޑުވުމުގެ ކުރިން ކަމެއް ހުރިތޯ ދެނެގަނެވޭނެ ގޮތްތައް ގާއިމުކުރެވިފައި މިވަނީ“ އަބްދުއްރައްޒާގު ވިދާޅުވިއެވެ.
މީގެއިތުރުން، ވެރިކަމާއި ހަވާލުވެޑައިގެންނެވުމަށްފަހު ރައީސް ޑރ. މުޢިއްޒު ސިއްހީ ދާއިރާއަށް ހާއްސަ އަހަންމިއްޔަތުކަން ދެއްވަމުން ގެންދަވާ ކަމަށް ވެސް އަބްދުއްރައްޒާގު ވިދާޅުވިއެވެ.
ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަގްސަދުގައި ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖުލައި މަހުގައެވެ.
މިކަމާއި ގުޅޭ ގޮތުން އާސަންދައިން ބުނެފައި ވަނީ 35 އަހަރުން މަތީގެ އުމުރުފުރާއާއި 40 އަހަރުން މަތީގެ އުމުރުފުރާތަކަށް ހާއްސަކޮށްގެން ކެންސަރު ބަލި ދެނެގަތުމަށް ހަދަން ޖެހޭ ޓެސްޓުތައް މި ޕެކޭޖްގައި ހިމެނޭނެ ކަމަށެވެ.
މީގެއިތުރުން، ކެންސަރު ސްކްރީނިންގެ ތެރެއިން ވަކި މުއްދަތަކަށް ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ އެހެން ޓެސްޓުތައް ސްކީމުގެ ތެރެއިން އަހަރަކު އެއް ފަހަރު ހެދޭނެ ކަމަށް ވެސް އާސަންދައިން ބުނެފައިވެއެވެ.


