ކުރީ ސަރުކާރުގައި މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު ވެސް ޕެޓް ކެއަރ ސެންޓަރެއް ހުޅުވަން މަސައްކަތް ކުރެއްވި ކަމަށާއި އެހެންނަމަވެސް އެއިރުގެ ސަރުކާރުން އެކަމަށް ފުރުސަތެއް ނުދެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާލެ ސަރަހައްދުގައި އާބާދީ ގިނަވެފައިވާ ބުޅާތަކަށް ހިޔާވަހިކަންދީ، ރަނގަޅަށް ބެލެހެއްޓުމަށް ޕެޓް ކެއަރ ސެންޓަރެއް ހުޅުވުމަށް މިއަދު ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ޕެޓް ކެއަރ ސެންޓަރެއް މިއަދު ހުޅުވޭއިރު އެމަނިކުފާނުގެ ހަނދާނަށް އަންނަނީ އެމަނިކުފާނު މާލެސިޓީގެ މޭޔަރުކަން ކުރެއްވި ދުވަސްވަރުގެ ހަނދާންތައް ކަމަށެވެ.
”މޭޔަރު ކަމަށް ހޮވުމުގެ ކުރިން ކެމްޕެއިނު ކުރިއިރު ވެސް މާލެސިޓީގެ ރައްޔިތުންގެ ކިބައިން ވަރަށް ގިނަ ޝަކުވާ ލިބުނު ކަމެއް، މަގުތައް މަތީގައި ބުޅާ ގިނަވުމަކީ. އަޅުގަނޑު އެއިރުވެސް ވައުދުވީން މާލެސިޓީ ކައުންސިލުގެ ތެރެއިން ސަރުކާރަށް ދަންނަވައިގެން (މަގުފަހިވާ ކަމަށްވާނަމަ) އެމައްސަލައަށް ހައްލެއް ގެނެސްދެއްވާނަން ކަމަށް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މޭޔަރަކަށް ހޮވުމުން (އެވަރުގަދަ އަޒުމުގައި) އެކަމުގެ މަސައްކަތްތައް ފެއްޓެވި ކަމަށާއި އެމަނިކުފާނު މޭޔަރަކަށްވުމުގެ ކުރިން މޭޔަރަކަށް ހުންނެވި ބޭފުޅާއާ، ޕެޓް ކެއަރ ސެންޓަރެއް ހެދުމަށް، ހުޅުމާލޭގައި ބިމެއް ހަވާލުކޮށްފައި އޮތް ކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ހުރިހާ ލިޔެކިޔުމެއްވެސް އެއިރު އޮތީ ނިމިފައި ކަމަށް ވެސް ރައިސް މުޢިއްޒު ވިދާޅުވިއެވެ.
”އެހެންނަމަވެސް (އެއިރުގެ) ސަރުކާރުން އަޅުގަނޑު މޭޔަރަކަށް ހޮވުނު ހިސާބުން އެފުރުސަތު ނުދިން. އަހަރެއްހާ ދުވަސް ހުޅުމާލެއިން އެ ބިން ލިބޭތޯ މަސައްކަތް ކުރިން. އެތައް ގޮތަކަށް މަސައްކަތް ކުރިން. އަމިއްލަ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިގެން އަމިއްލައަށް ބަޔަކު އިންވެސްޓު ކޮށްގެން ބިޒްނަސް މޮޑިއުލެއްގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ހޯދޭތޯވެސް މަސައްކަތް ކުރިން. އެހެންނަމަވެސް ސަރުކާރުގެ ތެރެއިން އެ ބޭނުންވާ އެއްބާރުލުން (އަޅުގަނޑު މޭޔަރަކަށް ހުރިއިރު) ނުލިބުނު“ ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ހަމަ އެވައުދު ރިޔާސީ އިންތިހާބަށް ކެމްޕެއިނު ކުރި އިރުވެސް ކުރެއްވި ކަމަށާއި ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރައްވާ މި ފުރުސަތު ދެއްވުމުން، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައި ކުރެވޭ ކަމެއްގެ ގޮތުގައި ޕެޓް ކެއަރ ސެންޓަރެއް ހުޅުވާ މަގުތައް މައްޗަށް ގިނަވެފައިވާ ބުޅާތަކުގެ އުނދަގުލަށް ހައްލެއް ގެނައުން ހިމެނުއްވި ކަމަށެވެ.



