ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން 120 އަށްވުރެ ގިނަ ރަށުގެ ކައުންސިލު އިމާރާތް އަޅައިދެއްވާނެ ކަމުގައި އެމަނިކުފާނު ވައުދުވެވަޑައިގެންފިއެވެ.
މާލެ ސަރަހައްދުގެ މަގުތައް މަތީގައި ގިނަވެފައިވާ ބުޅާތަކަށް ހިޔާވަހިކަމެއް ހޯދައިދީ އެތަކެތީގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވުމަށް ހައްލެއް ގެނެސްދެއްވުމަށްޓަކައި މިއަދު ހުޅުވި ޕެޓް ކެއާ ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ލާމަރުކަޒީ ނިޒާމުވެސް ވަރުގަދަ ކޮށްދެއްވަމުން، އޮންނަ އުސޫލުތަކުގެ މަތިންކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން 160 އެއްހާ ރަށްރަށުގެ ކައުންސިލުތަކަށް ވަޑައިގެން އެތަންތަނުގައި ހުރި ދަތިކަން ވެސް ބައްލަވާލެއްވި ކަމަށާއި އެގޮތުން އެންމެ ފާހަގަ ކުރެވުނީ ކައުންސިލު އިމާރާތްތަށް ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ބާވެ ވީރާނާވެފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިއީ އެ ކައުންސިލުތަކުން ވެސް ފާހަގަ ކުރެއްވި ކަމެއް ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”އަޅުގަނޑު ކަނޑައެޅީ 50 ރަށެއްގައި ކައުންސިލު އިމާރާތް އަޅައިދޭން. އަދި އިރާދަކުރެއްވިއްޔާ މިދައުރުގެ ބާކީ އޮތް ދުވަސްތަކާއެކު އެކީގައި 120 އަށްވުރެ ގިނަ ރަށުގެ ކައުންސިލު އިމާރާތް އަޅުގަނޑުމެން އަޅައިދޭނަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވަނީ ކައުންސިލުތަކަށް އާމްދަނީ ހޯދޭނޭ މަގުތައް ފަހިކޮށްދެއްވާފައި ކަމަށާއި ކައުންސިލުތަކަށް ފަޅުރަށްތައް ވެސް ލިބޭނެ މަގުފަހި ކޮށްދެއްވާފައިވާނެ ކަމަށެވެ.
މީގެއިތުރުން ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި ޕަސެންޓޭޖެއް ކައުންސިލުތަކަށް ޖަމާކޮށްދޭނޭ ގޮތް ހަމަޖައްސާފައިވާނެ ކަމަށާއި ޤާނޫނުގައި އޮންނަ ގޮތަށް ބްލޮކް ގްރާންޓުގެ 5 ޕަސެންޓު ވެސް މިފަހަރު ބަޖެޓު ފާސްކުރާއިރު ކައުންސިލުތަކަށް ލިބޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



