ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ޓެކްސްޓައިލް އުފައްދާ ޤައުމު ކަމުގައިވާ ބަންގްލަދޭޝް އިން، އެ ޤައުމުގެ ޓެކްސްޓައިލް އެކްސްޕޯޓްތައް އިންޑިއާ ދޫކޮށް ދިވެހިރާއްޖެ މެދުވެރިކޮށް ކުރަން ނިންމައިފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ’މިންޓް‘ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަންގްލަދޭޝްއިން މިނިންމުން ނިންމާފައި ވަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. މިނިންމުމުގެ ސަބަބުން އިންޑިއާގެ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކުގެ މުދާ އުފުލުމުގެ އާމްދަނީއަށް އަސަރުކުރާނެ ކަމަށް ވެސް މިންޓުން ބުނެފައިވެއެވެ
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކޮންޓެއިނާ ޝިޕިން ކުންފުނި ކަމަށްވާ މެޑިޓަރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) މެނޭޖިން ޑައިރެކްޓަރު ދީޕަކް ތިވާރީ އާއި ހަވާލީދީ މިންޓު ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކުރިން ބަންގްލަދޭޝްގެ މުދާ އުފުލަމުން ދިޔައީ އިންޑިއާގެ ވައިގެ ބަނދަރުތައް މެދުވެރިކޮށެވެ. އެހެންނަމަވެސް، މިހާރު ބަންގްލަދޭޝް އިން ވަނީ އެހެން ގައުމުތައް މެދުވެރިކޮށް މުދާ އުފުލަން ފަށައިފައެވެ.
މިންޓު ނޫހުން ދީޕަކްއަށް ހަވާލާދީ ބުނެފައިވާ ގޮތުގައި މީގެ ސަބަބުން، އިންޑިއާގެ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކަށް ކުރިން މުދާ އުފުލައިގެން ލިބުނު އާމްދަނީ ގެއްލިގެންދާނެއެވެ.
މިހާރު ބަންގްލަދޭޝްއިން މިހާރު އެ ޤައުމުގެ ޓެކްސްޓައިލް އެކްސްޕޯޓްތައް ކުރަނީ ކަނޑުމަގުން ދިވެހިރާއްޖެއަށް ގެންގޮސް، ރާއްޖެއިން ވައިގެމަގުން އެހެން ގައުމުތަކަށް ކަމަށާއި މިގޮތަށް އެކްސްޕޯޓް ކުރާ މުދަލުގެ ތެރޭގައި އެޗް އެންޑް އެމް އަދި ޒާރާ ފަދަ މަޝްހޫރު ބްރޭންޑުތަކުގެ މުދާ ހިމެނޭކަމަށް މިންޓުން ރިޕޯޓުކޮށްފައިވެއެވެ.
ބަންގްލަދޭޝްގެ ޓެކްސްޓައިލް ސިނާއަތުން އެ ޤައުމުގެ އެކްސްޕޯޓްތަކުގެ 80 އިންސައްތަ އަދި ޖީ.ޑީ.ޕީގެ 13 އިންސައްތަ ހިއްސާކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންގްލަދޭޝްއިން ރާއްޖެ މެދުވެރިކޮށް އެކްސްޕޯޓު ކުރުމަށް ނިންމާފައި ވަނީ އިންޑިއާގެ ވައިގެ ބަނދަރުތަކުގައި ބައެއް ފަހަރު ޝިޕްމެންޓު ލަސްވެ، އެކަމުގެ ސަބަބުން ދިމާވާ ގެއްލުންތަކުން އަރައިގަންނާށެވެ.



