ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް އިން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ޚާއްސަ މިލިޓަރީ ޑިސްޕްލޭއެއް ބާއްވަން ހަމަޖެހިއްޖެއެވެ.
މިއަހަރުގެ ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް އިން ވަނީ ވަރަށް ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ރާވާފައެވެ.
އެގޮތުން އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ސިފައިން ވަނީ މިދުވަހުގެ ފެށުމެއްގެ ގޮތުގައި ޖަމާއަތުގައި ފަތިސް ނަމާދު ކޮށްފައެވެ. ޖަމާއަތުގައި ކުރި ފަތިސް ނަމާދު އިމާމުވެ ނަމާދު ކުރެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމެވެ. އެނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ އިސްވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް މުޢިއްޒުގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުންނެވެ. އަދި ސިފައިންގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި 36 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތެއް ވެސް މިއަދު ބޭއްވިއެވެ.
ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ދިދަ ޖަހައި، ގާޑު މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި، ގާޑު މާއުންޓް ކުރުމުން ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ޤައުމީ ބަޠަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި، ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. އަދި މީގެ އިތުރުން ދުވަހާގުޅިގެން ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއި، ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް
އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ އިސްރަށްވެހިންނާއި ސީނިއަރ އޮފިސަރުންނާއި އަދި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.



