ޕްރައިވެޓް އިންޝުއަރެންސެއް އޮތް ނަމަ އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫން ގޮތަކަށް އާސަންދަ ދޫނުކުރަން ނިންމި ނިންމުމާ އެކު، ކޭޝްލެސް ސާވިސް މެދުކަނޑާލަން އެލައިޑުން އިއްޔެ ނިންމި ނިންމުން އުވާލައި، އަލުން އެ ސާވިސް ދޭން ފަށައިފިއެވެ.
އެލައިންޑު އިންޝުއަރެންސަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް އިންޝުއަރެންސް ޚިދުމަތްދޭ ކުންފުންޏެވެ. އެ ކުންފުނިން އިއްޔެ މެދުކަނޑާލި ކޭޝްލެސް ސާވިސް އަލުން ދޭން ފަށައިފިކަން އިއުލާނުކޮށް އެކަން ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ވެސް އީމެއިލު މެދުވެރިކޮށް އަންގާފައިވާނެ ކަމަށް އެލައިޑުން ބުނެފައިވެއެވެ.
އާސަންދަ ކުންފުނިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރައިވެޓް އިންޝުއަރެންސް އޮތް ނަމަ އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫން ގޮތަކަށް އާސަންދަ ދޫނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ހަމައެދުވަހުން ފެށިގެން އެކުންފުނިން އަމަލުކުރަން ފަށާފައިވެއެވެ.
އެބަދަލާއެކު އެހެން ބައެއް އިންޝުއަރެންސް ކުންފުނިތައް ހިމެނޭހެން އެލައިޑުން ވެސް ވަނީ ބިލުކުރާ އުސޫލުން ހިދުމަތް ދިނުން މެދުކަނޑާލައިފައެވެ. އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަވެސް، ހިދުމަތް ހޯދާ މީހާގެ އަތުން އޭގެ ފުރިހަމަ އަގު ނެގުމަށް އޮތީ ހަމަޖެހިފައެވެ. އެގޮތުން އެ ފައިސާ އަނބުރާ ލިބޭނީ ފަރުވާ ހޯދަން ހޭދަކުރި ބިލް، އެ މީހާ އަމިއްލަ އަށް އިންޝުއަރެންސް ކުންފުންޏަށް ހުށަހެޅުމުންނެވެ.
ނަމަވެސް މިއަދު އެލައިޑުން ވަނީ އެ ކުންފުނީގެ އެ ނިންމުން ބަދަލުކޮށް އައުޓްޕޭޝަންޓް ހިދުމަތް ހޯދާ މީހެއްގެ ލިމިޓް ހަމަވަންދެން ކޭޝްލެސް ކޮށް ހިދުމަތް ދިނުމަށް ނިންމާފައެވެ.




