ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު، އަފްޣާނިސްތާނުގެ ފަރާތުން ޕާކިސްތާނުގައި ހުންނަވާ މަންދޫބެއް ކަމުގައިވާ ސަރްދާރު އަހްމަދު ޝަކީބާއި ބައްދަލުކުރެއްވި މައްސަލައިގައި ދިވެހި ސަރުކާރުން ފިޔަވަޅު އަޅައިފިއެވެ.
ބޭރުގެ ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި މި ދެބޭފުޅުން ބައްދަލު ކުރެއްވީ މިދިޔަ ހުކުރު ދުވަހު ޕާކިސްތާނުގައެވެ. އަދި މި ބައްދަލު ކުރެއްވުމުގައި ދެ ޤައުމުގެ ގުޅުމާއި ވިޔަފާރީގެ ގުޅުމާ ގުޅޭގޮތުން ވެސް ވާހަކަދައްކާފައިވެއެވެ.
މިކަމާ ގުޅޭގޮތުން މިއަދު ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަފީރު ތޯހާއާއި ސަރްދާރް އަހުމަދުގެ ބޭއްވި އެ ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމުގައާއި މި ކަމާއި ގުޅިގެން ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު މިހާރު އަޅާފައިވާނެ ކަމަށެވެ.
”ދިވެހިރާއްޖޭން ޤައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އ.ދ. އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުޞޫލުތަކަށް“ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އ.ދ. ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމުގައި ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.



