ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް 1 އަހަރު ނުވާނީސް ރާއްޖޭގެ އިގުތިސާދަށް ދިރުން ގެނެސްދޭނެ އިތުރު ސަނާއަތެއް އެމަނިކުފާނު އުފައްދަވައިފި ކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، (އެމްޕީއެލް) ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޖީހު މިހެން ވިދާޅުވެފައި ވަނީ ބަންގްލަދޭޝްގައި އުފައްދާ އަންނައުނު އެގައުމުން އިންޑިއާގެ ބަދަލުގައި ރާއްޖެ މެދުވެރިކޮށް އެކްސްޕޯޓު ކުރާ ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.
މިކަމާއި ގުޅިގެން މީސްމީޑިއާގެ މަންސަރެއްގައި ވަޖީހު ވިދާޅުވީ ރާއްޖޭގެ ނާޒުކު އިގުތިޞާދު ހަރުދަނާކޮށް، އިގުތިޞާދަށް ދިރުން ގެނެސްދޭނެ އިތުރު ސިނާޢަތްތައް އުފެއްދެވުމަކީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ވެރިކަން ފެށްޓެވުމާއި އެކު އެންމެ އިސްކަން ދެއްވި އެއް މަސައްކަތްފުޅު ކަމަށާއި، އެމަނިކުފާނުގެ ވެރިކަމަށް 1 އަހަރު ނުވަނީސް، ’ސީޓު އެއަރ ކާގޯ‘ ނަމުގައި އިގުތިސާދަށް ދިރުން ގެނެސްދޭނެ އިތުރު މަސައްކަތެއް ފައްޓަވާފައިވާ ކަމަށެވެ.
ސީޓު އެއަރ ކާގޯގެ ޚިދުމަތަކީ، ކަޑު މަގުން އަންނަ މުދާ، ޓުރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމު ތަކަށް ފޮނުވުންކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ މިމަސައްކަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމުތަކުގެ އިގުތިސާދަށް ބޮޑެތި މަންފާތަކެއް ހޯދަމުން އަންނަ މަސައްކަތެއް ކަމަށެވެ.
ވަޖީހު ވިދާޅުވީ ރާއްޖޭގައި މިމަސައްކަތް ފެށުމަށް އެމްޕީއެލް އާއިއެކު، ފުރަތަމަ އެއްބަސްވުމެއް ހަދާފައި ވަނީ މިއަހަރުގެ މާޗް މަހު ޓާކިޝް އެއަރ ލައިނާއި އެކު ކަމަށާއި، އެއަށްފަހު، ފުރަތަމަ ކާގޯ ޝިޕުމެންޓު މިއަހަރުގެ މެއި މަހު ފޮނުވާލާފައިވާ ކަމަށެވެ.
މީގެއިތުރުން، މިވަގުތު ރާއްޖެއިން ބޭރު ކުރެވޭ މުދަލަކީ، ބަގުލާދޭޝްގައި އުފައްދާ އަންނައުނުގެ ވާވަތްތައް ކަމަށާއި އޭގެ ބޮޑު އިންސައްތައެއްގެ އަންނައުނު ވައިގެ މަގުން ފޮނުވަނީ ޔޫރަޕުގެ ގައުމު ތަކަށް ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. އަދި މިހާތަނަށް މި މުދަލުގެ ބޮޑު ބައެއް ދުނިޔޭގެ އެކި ގައުމު ތަކަށް ގޮސްފައި ވަނީ، އިންޑިޔާ އާއި، ސުރީލަންކާ މެދުވެރިކޮށް ކަމަށް ވަޖީހު މައުލޫމާތު ދެއްވިއެވެ.
ރާއްޖޭގައި މިޚިދުމަތް ފެށިފަހުން މިކަމަށް ލިބޭ ތަރުހީބު ބޮޑުވެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ޚިދުމަތަށް ލިބޭ ޑިމާންޑު ވަރަށް ބޮޑަށް އިތުތުރު ވެފައިވާކަން ފަހަގަކުރައްވާ ވަޖީހު ވިދާޅުވީ ނިމިދިޔަ އޮކްޓޯބަރު މަހު އެކަނިވެސް، 96 ކޮންޓެއިނަރު (418 ޓަނުގެ) މުދާ ވައިގެ މަގުން ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވާ ކަމަށާއި، މިމަސައްކަތުގައި މިވަގުތު ރާއްޖެ އަށް ދަތުރުކުރާ 7 އެއާ ލައިނާއަކުން ބައިވެރިވާ ކަމަށެވެ.
”ރާއްޖޭގައި މިޚިދުމަތް ފުޅާވެ، މިކަމުގެ ޑިމާންޑު ބޮޑުވަމުންދާތީ، މިވިޔަފާރީގައި އުޅޭ މިސަރަހައްދުގެ ބައެއްގައުމުތައް ވަނީ ކަންބޮޑުވާން ފަށާފަ“ ވަޖީހު ވިދާޅުވިއެވެ.
މީގެއިތުރުން މިހިދުމަތް ރާއްޖޭގައި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ ރާއްޖޭގައި މިމަސައްކަތް އެންމެ ފުޅާކޮށް ކުރާ އިނަރ މޯލްޑިވުސްގެ ވެރިޔާ މުޙައްމަދު ފިރާޤާއިއެކު އެމްޕީއެލްގެ ޓީމަކުން ބަންގްލަދޭޝްގެ ޗިޓޮންގްއަށް ދަތުރުކޮށް، ބަންގްލަދޭޝްގެ ގާމެންޓު ފެކްޓަރީ ތަކުގެ ވެރިންނާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މިމަޝްވަރާތަކުން މިމަސައްކަތް ރަނގަޅު ގޮތުގައި ކުރެވިއްޖެނަމަ މަހެއްގެ މައްޗަށް 400 އަށް ވުރެއް ގިނަ ކޮންޓެއިނަރުގެ މުދާ ކަޑުމަގުން ރާއްޖެ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެކި ގައުމު ތަކަށް ފޮނުވުމުގެ ފުރުސަތު އޮތްކަން ހާމަވެގެންދިޔަ ކަމަށް ވަޖީހު ވިދާޅުވިއެވެ.
އެހެންކަމުން، މިކަމަށްޓަކައި، އިތުރު ކޮންޓެއިނަރު ގެނައުމަށް ރާއްޖެ އަށް ދަތުރު ކުރާ ޝިޕިންގް ލައިންތަކާއިއެކު މަޝްވަރާކުރަމުންދާ ކަމަށާއި، މިމަސައްކަތަށް ބެއިނުންވާ، މެޝިނަރީ ތަކާއި އިކުއިޕު މެންޓުތައް ހަމަކޮށް، ކަސްޓަމަރުން ހިތްހަމަ ޖެހޭފަދަ ޚިދުމަތްތަކެއް ފޯރު ކޮށްދެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
މިސިނާއަތަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިގުތިސާދަށް އިތުރަށް ދިރުން ގެނެސްދޭނޭ ސިނާޢަތަކަށް ވެގެން ދާނެކަން ފާހަގަކުރައްވާ ވަޖީހު އިތުރަށް ވިދާޅުވީ ސީޓު އެއަރ ކާގޯ ގެ ޚިދުމަތް ފުޅާކޮށް، ކަސްޓަނަރުންގެ އިތުބާރު ލިބޭފަދަ ފުރިހަމަ ޚިދުމަތް ތަކެއް ފޯރު ކޮށްދެމުން ގެންދިއުމަށްޓަކައި އެމްޕީއެލް އާއި، އެމްއޭސީއެލް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޑރ. މުޢިއްޒު އިޒުޝާދު ދެއްވާފައިވާ ކަމަށެވެ.




