އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ފަރާތުން އަންނަ އަހަރު މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އައިޔޫއެމްގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ”މަޙްފަލުލް ޤުރްއާނިލް ކަރީމް 1446″ ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2025 ވަނަ އަހަރަކީ އިސްލާމީ ޔުނިވަރސިޓީއަށް ފާގަތި އަހަރަކަށް ވެގެންދާނެ ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ޔުނިވަރސިޓީއާ ގުޅޭ ވަރަށް ރަނގަޅު ތަޞައްވުރެއް އެކުލަވާލައްވާފައިވާކަމަށާއި މި ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށާއި އެކަމުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ އައިޔޫއެމް އިން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށާއި، އެކަމަށްޓަކައި އިސްލާމީ ޔުނިވަރސިޓީގެ އެންމެހާ ވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އިސްލާމީ ޢިލްމު ފެތުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކަށް އިސްލާމިން މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.


