މާލެ މަގުތަކުގައި ގިނަވެފައިވާ ބުޅާތަކަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ”އޮޅުހިޔާ“ އަށް ގެންދާ ފުރަތަމަ ބެޗްގެ ބުޅާތައް މިހަފްތާތެރޭ ނަގަން ފަށާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން، ފެސިލިޓީއަށް ބުޅާތައް ގެންދިޔުމަށް ހާއްސަ ޕްލޭނެއް ހަދާފައިވާ ކަމަށާއި މިޕްލޭންގެ ދަށުން ބުޅާތައް ނަގަމުންދާ ބެޗުތަކަކަށް ބަހާލައިގެންކަމަށް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފެސިލިޓީއަށް ގެންދާ ބުޅާތަކުގެ ސިއްޙީ މައްސަލަ ދެނެގަނެވި ފަރުވާ ދޭނެކަމަށާއި، މީގެއިތުރުން ފެސިލީޓީއަށް ގެންދެވޭ ހިސާބުން ބުޅާތައް ރަޖިސްޓްރީ ކުރެވުމުގެ އިތުރުން، ވެރިފަރާތެއް ނެތް ބުޅަލުގެ އާބާދީ ދަށްކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވޭނެއެވެ.
”ނެގޭ ބުޅާތަކުގެ ހާލަތު ދެނެގަންނަން ޖެހޭ. އަދި ޕެޓް ކެއަރ ފެސިލިޓީއަށް ވަނުމާއެކު ރަޖިސްޓްރީ ކުރެވޭނެ. މީގެއިތުރުން އަންހެން ބުޅާ ނުވިހާ އޮޕަރޭޝަން ކުރާނެ. އެއީ އޯނަރެއް ނެތި އުޅޭ ބުޅަލުގެ އާބާދީ ދަށްކުރަން“ ވަޒީރު ވިދާޅުވިއެވެ.
މިސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީގައި އެއްފަހަރާ 4،000 ބުޅާ ގެންގުޅެވޭއިރު، މިފެސިލިޓީން ފަރުވާ ދޭނީ އެތަނަށް ގެންދާ ބުޅަލަށް އެކަނި ނޫންކަމަށާއި ޕެޓްގެ ގޮތުގައި އާންމުން ގެންގުޅޭ ބުޅާތަކަށްވެސް ފަރުވާ ދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ބުޅަލުގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުން ސަލާމަތް ކުރުމާއި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަކީ ވެސް މިފެސިލިޓީ ގާއިމްކުރުމުގެ ބޭނުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ދާނަމަ ކުރިއަށް އޮތް މަސްތަކުގައި މިކަމުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ޖަނަވާރު ޑޮކްޓަރެއްގެ ގޮތުގައި ތަމްރީނުވެފައިވާ އެންމެ ދިވެއްސެއް ހުރިއިރު، މިދާއިރާއިން އިތުރު ދިވެހިން ތަމްރީނުވަމުންދާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މުސްތަގްބަލުގައި މިފެސިލިޓީގައި މަސައްކަތްކުރާނީ މުޅިންވެސް ދިވެހިން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަދުގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ފެސިލީޓީތަކަށް ބުޅާތައް ގެންދެވި މަސައްކަތް ރަނގަޅަށް ހިނގަން ފެށުމުން އާންމުންގެ ތެރެއިން ބުޅާ އެޑޮޕްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށާއި، ވިޔަފާރި އުސޫލުން ވިއްކުމަށް ރާއްޖޭން ބޭރުން ގެންނަ ބުޅާ ވަކި މުއްދަތެއް ވަންދެން ގެނައުން މަޑުޖައްސާލާނެ ކަމަށެވެ.
މިފެސިލީޓީގައި ބުޅަލުގެ ގްރޫމިންއަށް ސެލޫނަކާއި ބުޅާ ގެންގުޅޭ ފަރާތްތަކުން ދަތުރުދާނަމަ އެނބުރި އަންނަންދެން ފެސިލިޓީއަށްލުމުން ބަލާދިނުމުގެ ޚިދުމަތްވެސް ދެނޭކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.



