ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރު ކުރުމުގެ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ޙިލްމީ މިހެން ވިދާޅުވެފައި ވަނީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ”ދިވެހި ސިފައިންގެ އަސްކަރީ ހުށައެޅުން“ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ޙިލްމީ ވިދާޅުވީ ދިވެހިންގެ ތެރެއިން 19 ބޭކަލުން ޝަހީދުވި ނޮވެމްބަރު 3ގެ ޙާދިސާއާއި މިނިވަންކަމުގެ ދިފާޢުގައި ސިފައިން ވެވަޑައިގެންނެވި ޤުރުބާނީއަކީ އަބަދަށްމެ ހަނދާންކުރަންޖެހޭ ޙާދިސާއެއްކަމަށެވެ.
ނަސްރުގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމަށް ނިންމަވާ، އެ ހުރިހާ ހަރަކާތެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ފާހަގަކުރައްވާ މޭޖާރ ޙިލްމީ ވިދާޅުވީ މީގެން އުދުވާނީ ޙަމަލާގައި ދިވެހިން ހޯދި ނަސްރުގެ އަގުވަޒަންކުރެއްވުމުގައި ވެރިއެއްގެ ޙައިސިއްޔަތުން ދެއްވާ އަހަމިއްޔަތުކަން ހާމަވާވެގެންދާ ކަމަށެވެ.
”ސަރުކާރުން މި ދުވަސް ޤައުމީ ލެވެލްއެއްގައި ކުލަގަދަކޮށް ފާހަގަކުރަމުންދާތަން މި ފެންނަނީ. ޤައުމީ ފެންވަރުގައި އެ ޤުރުބާމީގެ އަގު ވަޒަންކުރަމުންދާތަން. ނަސްރުގެ ދުވަހުގެ ހުރިހާ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުން.“ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ ވިދާޅުވިއެވެ.
މީގެއިތުރުން، މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން އަބަދުވެސް ތިބޭނީ، ދިވެހި ޤައުމަށް ކުރިމަތިވާ ކޮންމެ ޙާލަތަކަށް ތައްޔާރުވެ އަދި ޙާލަތުގެ ވަގުތުގައި ކެރިގެން ނިކުމެ ކުރިމަތިލާ އަސްކަރިއްޔާއެއްގެ ގޮތުގައި ކަމަށެވެ.
”ދިވެހި ސިފައިން ތިބޭނީ ޤައުމާ ދީނަށްޓަކާ ފުރާނައިން ޤުރުބާންވާން ތައްޔާރަށް. ޤައުމުދެކެ ލޯބިވާ، ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި އަސްކަރިއްޔާ އިތުރު ހަރުފަތަކަށް ގެންދަން. ކޮންމެ ސިފައިންގެ މީހެއްގެ ހިއްވަރާ އަދި ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ މިއީ.“ ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ 1988 ވަނަ އަހަރުގެ އުދުވާނީ ޙަމަލާގައި ޤައުމުގެ ދިފާޢުގައި އަސްކަރިއްޔާއާއި ދިވެހިންގެ ތެރެއިން ހިތްވަރުގަދަ ބަޔަކު ނިކުމެ ކުރި ޖިހާދުގެ ހަނދާން އާކުރައްވާފައެވެ.


