ދިވެހީން އަބަދުވެސް ތިބެންވާނީ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެދާނެ ކަމަށް ހޭލާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ދުނިޔޭގެ ސިޔާސީ އޮއިވަރުތައް ހިނގަމުންދާ ގޮތުން ރާއްޖެ އަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ވެދާނެ ކަމެއް ކަމަށާއި އެކަމަށް ރައްޔިތުން އަބަދުވެސް ހޭލާ ތިބެންވާނެ ކަމަށެވެ.
މައުމޫން އިތުރަށް ވިދާޅުވީ ނަސްރުގެ ދުވަހު ރާއްޖެ އަށް ލިބުނު ނަސްރަކީ މާތްﷲ ގެ ހަޒްރަތުން ލިބުނު ނަސްރެއްކަން ދިވެހިން ގަބޫލުކުރަންޖެހޭނެ ކަމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ވެސް އީމާންތެރިކަން ވަރުގަދަކުރަންޖެހޭ ކަމަށެވެ.
ހަމައެއާއިއެކު، ނޮވެމްބަރު ތިނެއްގެ ހާދިސާ އިން ލިބިދޭ އެއް ފިލާވަޅަކީ ދިވެހިންގެ އެއްބައިވަންތަކަން ނުގުޑާފަދަ އަޒުމެއްގައި ހިފެހެއްޓުމުގެ މުހިއްމުކަން ކަމަށާއި ސިޔާސީ ޕާޓީތައް އުފެދި ހިނގަމުންދިޔަ ނަމަވެސް ގައުމީ ވަހުދަތަށް އުނިކަމެއް އައިސްގެން ނުވާނެކަން މައުމޫން ފާހަގަކުރެއްވިއެވެ.
ސިޔާސީ ކަންކަމަށް ވުރެއް ބޮޑަށް ގައުމީ އުސޫލުތަކަށް އިސްކަންދޭންޖެހޭނެކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހާދިސާ ހިނގަމުންދިޔައިރު ވެސް ފެނިގެން ގޮސްފައިވަނީ ދިވެހިންގެ ވަރުގަދަ އެއްބައިވަންތަކަމުގެ މަންޒަރުތައް ކަމަށާއި، ސަރުކާރާއި މެދު ހިތްހަމަނުޖެހިފައި ބަޔަކު ތިބި ނަމަވެސް އެ ދުވަހު އެންމެން ވެސް ތިބީ ސަރުކާރާއެކު ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން އިތުރަށް ވިދާޅުވީ މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަކުރަން ރައީސް ގެންގުޅުއްވާ ސިޔާސަތަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށެވެ.



