ޔަހޫދީ އިޒްރޭލު ސިފައިން ޣައްޒާއާއި ލުބްނާނުގެ ހޮސްޕިޓަލުތަކަކަށްވަދެ ހަމަލާދީ، އެތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ސިއްޙީ ޚިދުމަތްތެރިންތަކެއް މަރާލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހަމަލާތައް ހޮސްޕިޓަލުތަކަށް ދިނީ އެތަންތަނުގައި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ތިބިކަމުގެ މައުލޫމާތު ލިބިގެންކަމަށް އިޒްރޭލުން ބުނެފައިވެއެވެ. އަދި އެތަންތަނަކީ ހަމާސްއިން އެމީހުންގެ ކޮމާންޑް ބޭސްއެއް ގޮތަށް ބޭނުން ކުރަމުންދިޔަ ތަންތަންކަމަށް މީގެ ކުރިން ވެސް އިޒްރޭލުން ވަނީ ބުނެފައެވެ.
އިންސާނިއްޔަތާ ދެކޮޅަށް އިޒްރޭލުން ދެމުންގެންދާ މި ނިރުބަވެރި ހަމަލާތަކުގެ ދިފާއުގައި އެޤައުމުން މިހެން ބުނި ކަމުގައިވިޔަސް، އެ ހޮސްޕިޓަލުތަކުގައި ހަމާސް ޖަމާއަތުގެ މީހުން ތިބި ކަމަކަށް ނުވަތަ އެތަން ކޮމާންޑިންގް ބޭސްއެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަކަމުގެ އެއްވެސް ހެއްކެއް އިޒްރޭލަށް ދެއްކިފައެއް ނުވެއެވެ.
ޣައްޒާގެ ހޮސްޕިޓަލަށް ވަދެ އިޒްރޭލުން ދިން އެ ހަމަލާގެ ތެރެއިން، އެތަނުގައި ފަރުވާ ހޯދަމުންދިޔަ ކުޑަ ކުއްޖަކަށް ވެސް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން ލުބްނާނުގެ ހޮސްޕިޓަލަށް ޑްރޯން ހަމަލާތަކެއްދީ، އެތަނުގައި މަސައްކަތް ކުރަމުންދިޔަ ދެ ސިއްހީ ޚިދުމަތްތެރިއަކު މަރާލާފައިވާއިރު އެތައް ބަޔަކު ޒަހަމް ކޮށްލާފައިވެސް ވެއެވެ.




