ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް އަންނަ އަހަރުގެ ތެރޭގައި ހޯއްދަވައިދެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި، ޤައުމުގެ ސަލާމަތަށްޓަކައި އަދި ޢަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން ސިފައިންގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި އެ އިދާރާގެ ކެޕޭސިޓީ ވަރުގަދަކުރުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މީހުން ތަމްރީނުކުރުމަށް ޤައުމީ ފެންވަރުގެ ޚާއްޞަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން ވެސް އެމަނިކުފާނު ޢިއުލާން ކުރެއްވިއެވެ.
މީގެ އިތުރުން މީހުން ތަމްރީނުކުރުމަށް މިހާރު ހުރި ފެސިލިޓީކަމުގައިވާ، ގިރިފުށީގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކާ ބިން އިތުރުކުރުމަށް މަސައްކަތްކުރައްވަން ނިންމަވާފައިވާކަނަށާއި މިހާރު ސަރުކާރުގެ ”ނިއު ޕޮލިސީ އިނީޝިއޭޓިވް“ގެ ތެރެއިން ގިރިފުށިން ހިއްކެން އޮތް 13 ހެކްޓަރުގެ ސަރަހައްދު ހިއްކުމަށާއި ޝޯ ޕްރޮޓެކްޝަން، ވަށާ ޖެހެހުމަށާއި އެރަށަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް މިއަންނަ އަހަރުތެރޭގައި ފަށްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ސިފައިންގެ އެއްގަމުގެ ބާރުވެސް ހަރުދަނާކުރަން ޖެހޭކަމަށެވެ. އެގޮތުން އެކަމަށްޓަކައި ބޭނުންވާ ހަތިޔާރު ހޯދައި އެކިއެކި އާލާތްތައް ހޯދުމަށް މަސައްކަތްޕުޅުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާއެކީ ބައެއް މަސައްކަތްތައް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް ހަތިޔާރާ ބައެއް އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ވަކި އަދަދެއް ކަނޑައަޅާފައިވާނެ ކަމަށާއި ޒަމާނީ ފެންވަރަށް ޢަސްކަރީ ޚިދުމަތް ގެންދިއުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާކަން ރޭގެ ޖަލްސާގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އެއާކޯ ޤާއިމުކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫ.އޭ.ވީތައް ގެންނަވައި، ޤައުމުގެ އިކޮނޮމިކް ޒޯން އަބަދުވެސް ބެލެހެއްޓޭނެފަދަ ޤާބިލުކަން ސިފައިންގެ ކިބައިގައި ޤާއިމުކުރެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ކޯސްޓްގާޑުގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި އިއްޔެ ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާޙްކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޯސްޓްގާޑް ޑަބަލްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ދެ ގުނައަށް ފްލީޓް ބޮޑުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައިކަމަށާއި ކަނޑުއޮށްގިރި ވެސް މިހާރުވަނީ ކޯސްޓްގާޑާ ހާވާލުކުރެވިފައިކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހަމަ އެއާއެކީގައި ކުރިއަށްއޮތްތާނގައި މުޅި ރާއްޖޭގައި ހުރި ސިފައިންގެ މަރުކަޒުތައް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކީ އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރަށްވެސް ވަރަށް ގިނަ މަސައްކަތްތައް ދިވެހި ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ފަށްޓަވާފައިވާކަމުގައި އެމަނިކުފާނު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.



