ދިވެހި އަސްކަރިއްޔާ ދެމިއޮތްހާ ހިނދަކު މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ސިފައިންގެ ހުވާގައިވާ ގޮތުގެ މަތިން ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ދެއްވައިފިއެވެ.
މިނިސްޓަރު ޣައްސާން މި ޔަގީންކަން ދެއްވީ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ދިވެހި އަސްކަރިއްޔާ ދެމިއޮތްހާ ހިނދަކު މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ސިފައިންގެ ހުވާގައިވާ ގޮތުގެ މަތިން ލެޔާއި ފުރާނައިން ޤުރުބާންވެގެން ހިމާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
މީގެއިތުރުން ދިވެހި ސިފައިންނާ މުޚާތަބު ކުރައްވާ މިނިސްޓަރ ޣައްސާން ވިދާޅުވީ މިއަދަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ގެނެސްދެއްވާ ޒަމާނީ ވަސީލަތްތައް ޤައުމުގެ ދިފާޢުގައި އަތުރާލުމަށް ވިލަރެސް ކުރަންވީ ދުވަސް ކަމުގައެވެ.
”މިއަދަކީ ޤައުމަށް ވަފާތެރި، ރައްޔިތުންނަށް އިޚްލާސްތެރި، އަމުރަށް ކިޔަމަންތެރި އަދި ހަރަކާތްތެރިވުމުގައި ހުށިޔާރު ކެރޭ، ހީވާގި، ގާބިލު ދިވެހި މިނިވަންކަމަށް ތައްޔާރަށް ތިބި ލަޝްކަރެއް އޮތްކަން މުޅި ދުނިޔެއަށް ދައްކަންވީ ދުވަސް. މިއަދަކީ އަމިއްލަ ނަފްސަށްވުރެ ޤައުމުގެ ފިކުރުގެ އަޒުމް އާ ކުރަންވީ ދުވަސް“ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވިއެވެ.
މިނިސްޓަރ ޣައްސާން ވިދާޅުވީ ދިފާއީ ބާރުގެ އަސްކަރިއްޔާ އިތުރުކުރައްވަން ރައީސް މުޢިއްޒު ކޮށްދެއްވާ މަސައްކަތްޕުޅުތަކަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.




