ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 57 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަވާދުއެވެ. އަދި ނައިބު މުގައްރިރަކަށް ހަމަޖައްސާފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ.
ބަޖެޓު ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ބަޖެޓު ދިރާސާކުރަން ޓައިމްލައިނެއް މިއަދު ވަނީ އެކުލަވާލައިފައެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބަޖެޓުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ނިންމުމުގެ އިތުރުން އޮޑިޓް އޮފީހާއި އެމްއެމްއޭ އިން ބަޖެޓާ ގުޅޭ ގޮތުން ހުށަހަޅާ ބަޔާން ހުށަހެޅުމަށް އެދެން ވެސް ނިންމައިފައިވެއެވެ.
މީގެއިތުރުން މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭ ތަފްސީލު ހޯދުމާއި ވަކިވަކި އޮފީސްތަކާ ގުޅޭ ބަޖެޓުގެ ތަފްސީލު ވެސް ހޯދައި އިދާރާތަކަށް ސިޓީ ފޮނުވަން ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ނިންމާފައިވެއެވެ.
އަންނަ އަހަރަށް ލަފާކުރާ 57 ބިލިއަން ރުފިޔާގެ ބަޖެޓު މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެ ބަޖެޓްގައި، އަންނަ އަހަރު އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.




