މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިކަމުގެ އެވޯޑުގައި ”ތަހުގީގީ އޯޑިއޯ/ވީޑިއޯ“ ދާއިރާއިން އެވޯޑު ދިން ގޮތާމެދު ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އަށް ވަދެއްޖެއެވެ.
އޯޑިއޯ/ވީޑިއޯ ތަހުގީގީ ދާއިރާއިން އެވޯޑު ލިބިފައިވަނީ އަދަދު ނޫހުން ހުށަހަޅާފައިވާ ކޮންޓެންޓަކަށެވެ. ނަމަވެސް އެ އެވޯޑު އެ ކޮންޓެންޓަށް ހައްޤު ނުވާ ކަމަށާއި އެއީ އެމްއެމްސީގެ އާންމު އުސޫލުތަކާ ޚިލާފަށް އުފައްދާފައިވާ ކޮންޓެއްޓެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިވެސް ކޮށްފައެވެ.
އެގޮތުން މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ފަނޑިޔާރު ކޮށްދެއްވި ފަނޑިޔާރުން ވެސް އިއްޔެ ވަނީ މިކަމާ ގުޅޭގޮތުން އިއްޔެ ބަޔާނެއް ނެރުއްވާފައެވެ.
އެ ބަޔާނުގައި ފަނޑިޔާރުން ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގައި އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ”އެންމެ ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު“ ދީފައިވަނީ އެމްއެމްސީގެ އުސޫލާއި މަޤްސަދުތަކާ ޚިލާފަށް ކަމަށެވެ.
މިކަންބޮޑުވުންތަކާ ގުޅިގެން އެމްއެމްސީން އިއްޔެ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
އެމްއެމްސީން ހާމަކުރި ގޮތުގައި މިއަހަރު ބޭއްވި ނޫސްވެރިކަމުގެ އެވޯޑާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ މައުލޫމާތު ހޯދާ، މިކަމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ މައްސަލަތަކާއި ގުޅޭގޮތުން ރިޕޯޓެއް ނެރުމަށް ވެސް ވަނީ ފާސްވެފައެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެމްއެމްސީއަށް ވަނުމާ ގުޅޭގޮތުން އޭސީސީން މިއަދު ބުނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެވޯޑު ދިން ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ލިބިފައިވާ ކަމަށާއި އެހެންކަމުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ތަހުގީގީ އޮފިސަރުން އެމްއެމްސީގެ އޮފީހުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނޫސްވެރިކަމުގެ އެވޯޑުގައި އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނީ ”އަދަދު“ އޮންލައިންގެ ”ސްކީލާން“ ޑޮކިއުމެންޓްރީއަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ސްކީލާން އެ މަނިކުފާނަށް ބޮޑެތި ތުހުމަތެއް ކުރައްވާފައިވާ ޑޮކިއުމަންޓްރީއެކެވެ.




