ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތ.ހިރިލަންދޫއަށް ގެންދިޔަ 800 ކިލޯވޯޓުގެ ޖެންސެޓް އިންސްޓޯލު ކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.
މިއީ އަންނަ އަހަރުގެ ރަމަޟާން މަހަށާއި ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ފެނަކައިން ފަށާފައިވާ މަސައްކަތެކެވެ.
އެގޮތުން ފެނަކައިން ވަނީ އިތުރު ޖެންސެޓްތަކެއް ހޯދުމަށް މިދިޔަ މަހު އިއުލާނުވެސް ކޮށްފައެވެ.
ފެނަކައިން ބުނި ގޮތުގައި އަންނަ އަހަރުގެ ރަމަޟާން މަސް ދިމާވަނީ އަހަރުގެ އެންމެ ހޫނު ދުވަސްވަރު ކަމަށްވާތީ، އެދުވަސްތަކުގެ ކަރަންޓަށް އޮންނަ ޑިމާންޑު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މިއީ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް، ދުރާލާ އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ފެނަކައިން މިދިޔަ މަހު އިއުލާނު ކޮށްފައިވަނީ 250 ކިލޯވޮޓުގެ 7 ޖެން ސެޓާއި 400 ކިލޯވޮޓުގެ 6 ޖެން ސެޓްގެ އިތުރުން 600 ކިލޯވޮޓުގެ 8 ޖެން ސެޓާއި 800 ކިލޯވޮޓުގެ 5 ޖެން ސެޓް، އަދި 1000 ކިލޯވޮޓުގެ 6 ޖެން ސެޓާއި 1200 ކިލޯވޮޓުގެ 5 ޖެން ސެޓްގެ އިތުރުން 1600 ކިލޯވޮޓުގެ 2 ޖެން ސެޓެވެ.


