ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މިހާރު އެއްވެސް ތާއިދެއް ނެތް ކަމަށާއި، އެހެންކަމުން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުވާލަން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގޮވާލައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިހާރު ހުށަހަޅާފައި އޮތް އިސްލާހަށް ބަހުސްކުރައްވާ ފަލާހު ވިދާޅުވީ ކުރިން ޔާމީން އަރިހުގައި މަސައްކަތް ކުރެއްވި އިރުވެސް ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއަށް ވަނީ ކިހިނެއްތޯ ހިތުގައި ސުވާލު އުފެދޭ ކަމަށެވެ.
ފަލާހު ވަނީ ދައުލަތަށް އާމްދަނީގެ ގޮތުގައި ޓެކުހުން ރައްޔިތުންނާއި ވިޔަފާރިވެރިންގެ އަތުން ނަގާ ފައިސާ، ޕާޓީ ހިންގުމަށް ސަރުކާރުން ދިނުމުން އެފައިސާ ޔާމީން ނަގާފައިވާ ކަމަށެވެ.
”ރައީސް ޔާމީނަކީ އޭރު ޕީޕީއެމަށް ވެސް ޕީއެންސީއަށް ވެސް ދައުލަތުގެ ބަޖެޓުން ލިބުނު ފައިސާގެ 90 ޕަސެންޓު އެ މަނިކުފާނު ވަގަށް ނަގާފައި ކައިފަވީ އިއްޒަތްތެރި ރައީސް. މިއީކީ ހީއަކަށް ދައްކާ ވާހަކައެއްނޫން،“ ފަލާހު ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން، ޕާޓީ އުފެއްދިފަހުން ތިން ހަތަރު ފާއިތުވެފައިވާއިރު، ޕާޓީއަށް މެންބަރުން އިތުރުނުވާ ކަމުގައިވާ ނަމަ އެއީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ނުބެލޭވޭނެ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރާއިރު އިލެކްޝަންސް ކޮމިޝަން (އީސީ)ން ވެސް އެ ކަންކަމަށް ރިއާޔަތްކުރަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
މިގޮތުން ވަކި މުއްދަތެއް ކަނޑައަޅާ، އެ މުއްދަތުގެ ތެރޭގައި ވަކި އަދަދަކަށް މެންބަރުން ހަމަނުވާ ކަމުގައިވާނަމަ، ސިޔާސީ ޕާޓީތައް އުވާލަން ފަލާހު ވަނީ ގޮވާލައްވާފައެވެ.
”މި ގާނޫނަށް އިސްލާޙު ގެންނައިރު އީސީން އެބަޖެހޭ ވަރަށް ބޮޑަށް ރިއާޔަތްކުރަން، ސިޔާސީ ޕާޓީއެއް ފަށަން އޯކޭ 3،000 މީހުން ހަމަކުރަން. އެހެންނަމަވެސް، ފަހުން އެ 3،000 މީހުން ތިބެގެން އެއް އަހަރު ނޫނީ ދެ އަހަރުގެ މުއްދަތެއް ކަނޑައަޅާފައި ޕާޓީއަށް މެންބަރުން އިތުރުކުރާނެ އަދަދުތަކެއް ކަނޑައަޅާފައި އެ އަދަދުތައް ހަމަނުވާނަމަ އެ ޕާޓީއެއް އުވާލަން ޖެހޭނެ،“ ފަލާހު ވިދާޅުވިއެވެ.
ޕީއެންއެފްއަށް އިޝާރަތް ކުރައްވާ ފަލާހު އިތުރަށް ވިދާޅުވީ އިންތިޚާބުތަކުގައި ބައިވެރިނުވާ އަދި ރައްޔިތުންގެ ތާއީދެއް ނެތް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ދައުލަތުން ލާރި ނަގައިގެން ތަންތަނުގައި ”ހަ މީހުންނާ އެކު“ ކުދިކުދި ޖަލްސާ ބާއްވަނީ ގައުމުގައި ފިތުނަ ފަސާދަ އުފައްދަން ކަމަށާއި، އެގޮތުން ޔާމީންގެ ޕާޓީއަށް 3،000 މެންބަރުން ވެސް ހަމަނުވާނެ ކަމަށެވެ.
”ޔާމީނަށް ހީވޭ އިއްޒަތްތެރި ރައީސް، ޔާމީނަކީ ވަރަށް ތާއީދު އޮތް ރައީސެކޭ. މިހާރު ވެސް ރަނގަޅަށް ޗެކްކުރައްވާ. ނުތިބޭނެ އެ ޕާޓީއަކު 3،000 މީހުންނެއް. އަޅުގަނޑަށް ޔަގީން 3،000 މީހުން ނުތިބޭނެ ޔާމީން ޕާޓީއަކު،“ އޭނާ ތުހުމަތުކުރެއްވިއެވެ.



