ހިއުމަން ރައިޓްސް ކޮމިޝަންގެ އަމާޒަކީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މީހުން ބާރުވެރިކުރުމަށް ތަމްރީންތައް މުޅި ރާއްޖޭގައި ހިންގުންކަމަށް އެޗްއާރުސީއެމްގެ މެންބަރު އިސްމާޢިލް ޙަބީބް ވިދާޅުވެއްޖެއެވެ.
މިއަދު އެޗްއާރްސީއެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްފައިވާ ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގުރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙަބީބް ވިދާޅުވީ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ދަމަހައްޓާ، އިންސާނީ ހައްޤު ކުރިއަރުވަން އެޗްއާރުސީއެމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިއަދު ފެށިގެން ދިޔަ ތަމްރީނު ޕްރޮގްރާމަކީ ވެސް މި މަސައްކަތުގެ ދަށުން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މީހުން ކުރިއަރުވައި، ބާރުވެރިކުރުވައި އެމީހުންގެ ޤާބިލުކަން އިތުރުކޮށް ތަރައްޤީކުރުމަށް ހިންގޭ ޕްރޮގުރާމެއް ކަމަށެވެ.
މީގެއިތުރުން، އެޗްއާރުސީއެމްގެ އަމާޒަކީ ހިއުމަން ރައިޓްސް ޑިފެންޑާސް ޕްރޮގުރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ، އިންސާނީ ޙައްޤުތަކަށް ރާއްޖޭގައި މަސައްކަތްކުރާ މީހުން ބާރުވެރިކުރުވުން ކަމަށް ވެސް ޙަބީބް ވިދާޅުވިއެވެ.
ހަބީބު އިތުރަށް ވިދާޅުވީ މި ޕްރޮގުރާމުން ތަމްރީންވާ މީހުން ވާނީ އިންސާނީ ޙައްޤުތަކަށް ޢާންމުން ހޭލުންތެރިކޮށް، ހަވާސާވެފައިވާ ފަރާތްތައް ބާރުވެރިކުރުވައި، ދައުލަތް ޖަވާބުދާރީކޮށް، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރާ ބަޔަކަށެވެ.
”އިންސާނީ ޙައްޤުތަކަކީ އިންސާނަކަށް ވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤުތަކެއް. މި ޙައްޤުތައް ނަސްލާއި ކުލައާއި ޖިންސާއި ބަހާއި ދީނާއި ސިޔާސީ ނުވަތަ އެނޫންވެސް އެއްވެސް ބާވަތެއްގެ މިންގަނޑަކުން ތަފާތު ކުރުމެއްނެތި އެންމެންނަށްވެސް ލިބުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ޙައްޤެއް.“ ޙަބީބް ވިދާޅުވިއެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގުރާމުގައި މާލެއާއި އަތޮޅުތަކުން މީހުން ބައިވެރިވެފައިވާއިރު، އެޗްއާރުސީއެމުން ވަނީ މި ޕްރޮގުރާމް މީގެ ކުރިން އައްޑޫ ސިޓީ އާއި ކުޅުދުށްފުށި ސިޓީގައި ވެސް ކުރިއަށް ގެންގޮސްފައެވެ.



