ތާލިބާނުން ހިފާފައިވާ އަފްޣާނިސްތާނުގެ މަންދޫބާއި ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ތޯހާ މިދިޔަ ހަފުތާގައި ބައްދަލުކުރެއްވި މައްސަލާގައި ސަފީރު އަނބުރާ ރާއްޖެ ގެންނަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ތޯހާ ވަނީ މިދިޔަ ހުކުރު ދުވަހު އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަޖައްސާފައިވާ ސަފީރު ސަރުދާރު އަހުމަދު ޝަކީބުއާ ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދުގައި ބައްދަލުކުރައްވާފައެވެ.
މީގެ ސަބަބުން ގިނަ ބަޔަކު ވަނީ ތާލިބާނުން އަފޣާނިސްތާނުގައި ކުރާ ވެރިކަން ބަލައިގަނެފައިވޭތޯ އާއިމެދު ސުވާލު އުފައްދާފައެވެ.
އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތޯހާ އަފްޣާނިސްތާނުގެ މަންދޫބާ ބައްދަލުކުރެއްވީ ދިވެހި ސަރުކާރުގެ ހުއްދަ ނެތި ކަމަށާއި އެކަމުގައި އޭނާއަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ޚާރިޖީ ވުޒާރާއިން ބުނީ ރާއްޖޭން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލު އުފެދޭ ހާލަތެއްގައި އަބަދު ވެސް ބަލަނީ އދ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އުސޫލުތަކަށް ކަމަށެވެ. އެ އުސޫލާ އެއްގޮތަށް، އދ. ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ފަރާތަކީ، އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ވެސް ބަލައިގަންނަ ފަރާތް ކަމަށް ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ވަނީ މިހާރު ތޯހާއަށް ރާއްޖެ އަނބުރާ އައުމަށް އަންގައިފައެވެ. އެހެންނަމަވެސް ޚާރިޖީ ވުޒާރާއިން މިކަމާއި ގުޅޭ ގޮތުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމެރިކާއިން 20 އަހަރުވަން ދެން އަފްޣާނިސްތާނުގައި އެގައުމުގެ ސިފައިން ބެހެއްޓުމަށްފަހު، އޮގަސްޓު 2021 ގައި އެގައުމުން ފޭބުމާއި ގުޅިގެން ތާލިބާނުން ވަނީ އެ ގައުމުގައި އޮތް ސަރުކާރު ވައްޓާލައި، ވެރިކަމަށް އަރައިފައެވެ.
ތާލިބާނުން ވެރިކަމާއި ހަވާލުވިފަހުން ތިން އަހަރުވެފައިވާއިރު، ގިނަ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ތާލިބާނުގެ ސަރުކާރު ބަލައިގަނެފައެއް ނުވެއެވެ.



