އާސަންދައިގެ ނާޖައިޒު ބޭނުން ހިފައި 500 ޑޮލަރަށް ލިބޭ އިންޖެކްޝަނަކަށް 14،000 ރުފިޔާގެ ފައިދާއެއް ލާއިގެން އާސަންދައަށް ބިލްކުރަމުން އައިސްފައިވާ ކަމަށް އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ ލޮލުގެ ބައްޔެއް ހުންނަ މީހަކު ޖަހަންޖެހޭ އިންޖެކްޝަނެއް އައިކެއާ މެދުވެރިކޮށް ގެނެސްގެން، އެ ބޭނުން ކުރަމުން އަންނަ ކަމަށާއި މީގެ ކުރިން އެ އަގުބޮޑު އިންޖެކްޝަނަށް އާސަންދައިން ލިބޭ ނަމަވެސް، އަލަށް ގެނެވުނު އިސްލާހުތަކާއެކު އެ އިންޖެކްޝަނަށް އާސަންދަ ނުލިބޭނެ ކަމަށް އާސަންދައިން އަންގާފައިވާ ކަމަށް ބުނެ މީހަކު މީސްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
މިކަން ހާމަކުރައްވާ ހީނާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާސަންދައިގެ ބޭހުގެ އަގު މުރާޖައާ ކުރުމުގެ ތެރެއިން، އެންމެ ޚަރަދު ބޮޑު އެއް ބޭސްކަމުގައިވާ ލުސެންޓިސް އިންޖެކްޝަންގެ އަގު ބެލުމުގެ ގޮތުން، ލޮލުގެ ފަރުވާގެ ޚިދުމަތް ދޭ ފަރާތަކުން ބޭސް ގަންނަ އަގު ހޯދުމަށް އެދުމުން، ފޮނުވި އިންވޮއިސްތަކުން އެ ބޭހުގެ އަގަށް ބޮޑު ފައިދާއެއް ލާފައިވާކަން ހާމަވެފައިވާ ކަމަށެވެ. އަދި އެ އިންޖެކްޝަން އާސަންދައަށް ބިލް ކުރަމުންދިޔައީ 14،000 ރުފިޔާގެ ފައިދާއެއް ލާފައި ކަން ވެސް ހާމަވެފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
”މިގޮތުން 500 ޑޮލަރަށް މި ބޭސް ގެނެސް 23000 ރުފިޔާއަށް އާސަންދައަށް ބިލްކޮށްފައިވޭ. މިއީ 18 ރުފިޔާގެ ރޭޓުން ޑޮލަރު ބެލިކަމުގައިވިޔަސް، އެންމެ އިންޖިކްޝަނަކުން 14،000 (ސާދަހާސް) ރުފިޔާގެ ފައިދާއެއް،“ ހީނާ ވިދާޅުވިއެވެ.
ލޮލުގެ ފަރުވާގެ ޚިދުމަތްދޭ އެ ފަރާތުން ބޭސް ވިއްކާފައިވަނީ ބޭސް އެތެރެކުރުމަށް ރަޖިސްޓަރީނުކޮށް، ހަމައެކަނި ޕްރިސްކްރިޕްޝަނަށްކަން ފާހަކުރައްވާ ހީނާ ވިދާޅުވީ އާސަންދަ ސްކީމްގެ ތެރެއިން މި އިންޖެކްޝަނަށް އެންމެ ގިނައިން ބިލްކޮށްފައިވަނީ އެ ފަރާތުން ކަމަށެވެ.
”މިކަން ފާހަގަވީ އަޅުގަނޑުމެން މަސައްކަތް ފަށައި، އާސަންދައިގެ ބޭހުގެ އަގު ރިވައިޒްކުރުމުގެ ތެރެއިން. މިކަން ހުއްޓުވުމަށް ފިޔަވަޅު އަޅައި އެންސްޕާގެ ވެލްފެއާ އެހީގެ ދަށުން މިހާރު ވެސް ކޮންޓްރޯލްޑް އަގެއްގައި ބޭނުންވާ ފަރާތްތަކަށް މި ބޭސް ހޯދުމަށް އެހީތެރިކަން ދެވެމުންދޭ. މިކަން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ވެސް ދަނީ ހިނގަމުން،“ ހީނާ ވިދާޅުވިއެވެ.
އެކި އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ ފައިދާގެ ބޭނުމަށް އާސަންދަ ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބޭކަމީ ހަގީގަތެއް ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ފާހަގަކުރައްވާފައިވާ ގޮތުގައި މިހެން ދިމާވަނީ ޒަމާނުއްސުރެ ނިޒާމްގެ ތެރޭގައި ހުރި މިފަދަ އެތައް މައްސަލަތަކަށް ބެލުމެއް ނެތި، އެއް ނިޒާމް އަނެއް ނިޒާމާ ވާހަކަ ނުދެކެވި ބޮއްސުންލާން ދޫކޮށްލެވިފައި އޮތުމުގެ ސަބަބުންނެވެ. އެހެންނަމަވެސް މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން، އެކަން ބަދަލުކޮށް އިސްލާހު ކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.


