ޤަޢުމީ ޚިދުމަތުގެ ނިޒާމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ތަޢާރަފްކުރެވުނު ވަރަށް މުޙިއްމު ޕްރޮގްރާމެއްކަމަށް ހެޑް އޮފް ސާވިސް ޑިވެލޮޕްމެންޓް ޑިރެކްޓްރޭޓް އަހުމަދު ޝިފާން މިރޭ ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ’ގައުމީ ހިދުމަތުގެ ޕްރޮގްރާމު‘ ތައާރަފު ކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
އެގޮތުން، މިޕްރޮގްރާމަކީ އެކަށީގެންވާ ތައުލީމަކާއި ވަޒީފާގެ ފުރުސަތު ނެތުމުގެ ސަބަބުން ޑްރަގާއި އެކި ކަހަލަ ނުބައި އަމަލުތަކުގެ ތެރެއަށް ވިއްސި ވިހާލިވަމުންދާ އެތަށް ސަތޭކަ، އެތައް ހާސް ޒުވާނުންނަށް މިލިޓަރީ ތަމްރީނުދީ ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ކުރިއަށްދާ ޕްރޮގްރާމެކެވެ.
ރައީސްގެ މިނިންމުމާއި ގުޅިގެން ޝިފާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކިޔެވުމުގެ ކުރިމަގެއް ފަހިވެފައި ނެތް އަދި ވަޒީފާގެ ފުރުޞަތެއް ލިބިފައި ނުވާ ޙާލަތުގައި ތިބޭ ޒުވާނުން ކުށަށް ހުށަހެޅޭކަން ތަފާސްހިސާބުން ޔަޤީން ކޮށްދޭ ކަމަށެވެ.
އެގޮތުން ބޯހިމެނުމުގެ އަދަދުތަކުން ދައްކާގޮތުގައި 24-15 ދެމެދު އަހަރުގެ އުނގެނުމުގެ ފުރުޞަތު ނެތް އަދި ވަޒީފާއެއްގައި ޝާމިލް ނުވާ ގާތްގަޑަކަށް 15 އިންސައްތަ ޒުވާނުން ރާއްޖޭގައި ދިރިއުޅޭ ކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވީ ޤަޢުމީ ޚިދުމަތުގެ ނިޒާމަކީ، ރަސްމީ ނިޒާމެއްގެ ތެރެއިން ޒުވާނުންނަށް އަޅާލުމެއް ނުލިބުމުގެ ސަބަބުން ދައުލަތަށް އުފުލަން ޖެހޭ ބުރައާއި މިކަމުގެ އިގްތިޞާދީ އަދި އިޖްތިމާއީ ގެއްލުމުން މިންޖުވެ، ދިވެހިރާއްޖޭގައި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ތަޢާރަފްކުރެވުނު ވަރަށް މުޙިއްމު ޕްރޮގްރާމެއް ކަމަށެވެ.
“ ޤަޢުމީ ޚިދުމަތުގެ ނިޒާމަކީ، ރަސްމީ ނިޒާމެއްގެ ތެރެއިން ޒުވާނުންނަށް އަޅާލުމެއް ނުލިބުމުގެ ސަބަބުން ދައުލަތަށް އުފުލަން ޖެހޭ ބުރައާއި މިކަމުގެ އިގްތިޞާދީ އަދި އިޖްތިމާއީ ގެއްލުމުން މިންޖުވެ، ދިވެހިރާއްޖޭގައި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ތަޢާރަފްކުރެވުނު ވަރަށް މުޙިއްމު ޕްރޮގްރާމެއް“ ޝިފާން ވިދާޅުވިއެވެ.
ރައީސްގެ މިނިންމުމަށް އާއްމުންގެ ގިނަ ބަޔަކު ތައުރީފު ކުރައްވާފައިވާއިރު، މިޕްރޮގްރާމް އަންނަ އަހަރު ފެށުމަށް ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައިވާނޭ ކަމަށާއި ކޮންމެ އަހަރުވެސް އިތުރު 400 މިލިއަން ރުފިޔާ އިތުރު ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، މިއީ ގާނޫނުން ބާރު ލިބިގެން، މިކަމަށް ޚާއްސަ ގާނޫނެއް ފާސްކުރެވިގެން ކުރިއަށް ގެންދަން ރައީސް ނިންމަވާފައިވާ ޕްރޮގްރާމެކެވެ. އަދި ވަކިން ޚާއްސަކޮށް، އުމުރުން 16 އަހަރު ފުރިފައިވާ ކުދިންނަށް މިޕްރޮގްރާމުގައި ބައިވެރިވެ، މިލިޓަރީ ޓްރެއިނިންގް ލިބޭ ގޮތަށް ގާނޫނުގައި ކަނޑައަޅުއްވާނެކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.



