ސީރިއާގެ ވެރިރަށް ދިމިޝްޤަށް މިއަދު ފަތިހު އިޒްރޭލުން ދިން ހަމަލާތައް ކުށްވެރިކޮށް، އިޒްރޭލާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސީރިއާ އިން އ.ދ އަށް ގޮވާލައިފިއެވެ.
އިޒްރޭލުން ސީރިއާގެ ދިމިޝްޤަށް އެއްވެސް ސަބަބަކާނުލައި ދީފައިމިވާ ބޮމުގެ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އިންސާނިއްޔަތުކަމާއި ބައިނަލްއަގުވާމީ ޤާނޫނާވެސް ޚިލާފު ޢަމަލެއް ކަމަށް ސީރިއާގެ ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި ވީހާވެސް އަވަހަށް އިޒްރޭލުގެ ޔަހޫދީ ސިފައިންގެ އެ ހަމަލާތައް ހުއްޓާލުމަށާއި އެޤައުމާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސީރިއާއިން ވަނީ އ.ދ އަށް ގޮވާލައިފައެވެ.
އިޒްރޭލުގެ މިހަމަލާތައް އަމާޒުކޮށްފައިވަނީ ދިމިޝްޤުގައި އާންމުންގެ އެތައް ބަޔަކު ދިރިއުޅެމުންދާ ސަރަހައްދަކަށެވެ. އެހަމަލާތަކުގެ ސަބަބުން އެތައް ބަޔަކަށް ފޫނުބެއްދޭވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ވެސް ސީރިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ އިޒްރޭލުން މިހާރު އެ ސަރަހައްދުގެ އެކި ޤައުމުތަކަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކަކީ ކްރިމިނަލް ހަރަކާތެއް ކަމަށާއި އެކަމަކީ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމެއް ކަމަށެވެ. އަދި އިޒްރޭލުން މިހާރު އަބަދުވެސް މިފަދަ ހަމަލާތައް ދެމުންގެންދަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށާއި މިއީ އެއްވެސް ހާލެއްގައި އިޒްރޭލަށް އެއްވެސް ބިރެއް އެޤައުމުތަކުގެ ސަބަބުން ފޯރާތީ ދެމުންގެންދާ ހަމަލާތަކެއް ކަމަށް ޤަބޫލު ނުކުރާ ކަމަށް ވެސް ސީރިއާއިން ނެރެފައިވާ ބަޔާނުގައިވެއެވެ.




