ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ”ގައުމީ ކުޅިވަރު ފަންޑު“ ގާއިމުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިފަދައިން ނިންމަވާފައި ވަނީ ދިވެހިރާއްޖޭގައި ގައުމީ ކުޅިވަރު ފަންޑެއް ގާއިމުކުރުމާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ހުށަހެޅުއްވި ހުށަހެޅުއްވުމުގެ މައްޗަށް، އިއްޔެގެ އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު، އެމަޖިލީހުގެ ލަފާފުޅާއިއެކުއެވެ.
ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާއަތް ނުވަތަ ކުޅިވަރު އާއިލާ ބާރުވެރިކުރުވުމުގެ މަގުސަދުގައި މިފަންޑު ގާއިމުކުރުމަށް ރައީސް ނިންމަވާފައިވާއިރު، މިއާއި ގުޅިގެން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ވެސް އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.
ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދޭއިރު، މިސަރުކާރުން ވެރިކަމަށް އައިފަހުން ކުޅިވަރަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް 255 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައިވެއެވެ.




