ޒިއޯން މޮބައިލްސް 4 ފިހާރަ ފަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހާ 20 ދުވަހަށް ބަންދު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މަޖީދީމަގުގައި ހުންނަ ޒިއޯން މޮބައިލްސް ފިހާރަ ފަޅާލައި އެ ފިހާރައިން 1000 ރުފިޔާއާއި ފޯނުތަކެއް ވަގަށް ނަގާފައިވާކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ ފަތިހު 5:35 ހާއިރެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ ވަނީ ހއ.މާރަންދޫ ފިނިރޯޅި / އަޙްމަދު ނިޔާޒް (47އ.) ހައްޔަރު ކޮށްފައެވެ.
ފުލުހުން އިއްޔެ ވިދާޅުވީ ނިޔާޒް ހައްޔަރުކޮށް އޭނާ ގެންގުޅުނު ދަބަހެއް ބަލައިފާސްކުރިއިރު އެފިހާރައިން އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ 9 މޮބައިލް ފޯނެއް ފެނިފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ 20 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.



