އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްއާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
އޭސީސީއާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ.
އެގޮތުން އޭސީސީގެ ގާނޫނު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 60 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 5 މެންބަރުން ވޯޓު ދެއްވިއެވެ. އީސީގެ ގާނޫނު ބަލައިގަންނަން ފެންނަ ކަމަށް 60 މެންބަރުން ދެއްވިއެވެ. މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 6 މެންބަރުންނެވެ.
އޭސީސީއާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ދެ ބިލު މަޖިލިހުން ބަލައިގަތުމަށްފަހު ދެން މި ދެ ބިލު އިތުރަށް ދިރާސާ ކުރާނީ މަޖިލިހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީންނެވެ.
އީސީއާއި އޭސީސީގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިމިވާ އިސްލާހުގެ ދަށުން ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސަށް، ރައީސް އައްޔަންކުރައްވާ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކުރަން ޖެހޭނެއެވެ. އަދި ކޮމިޝަންގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ރައީސަށް ސިޓީއެއް ފޮނުވުމުން މަގާމުން ވަކިވެވޭނެއެވެ.
މީގެއިތުރުން އޭސީސީގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ކޮމިޝަނުގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ، މަގާމުން އިސްތިއުފާން ޖެހޭނެ ކަމަށް ބުނާ މާއްދާ އުނިކުރަން މި ބިލުގައި ވަނީ ހުށަހަޅާފައެވެ. އަދި އޭސީސީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، 72 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ނަމެއް ފޮނުވައިގެން ފާސްކުރަން އޮތް މާއްދާ އުވާލަން ވަނީ ހިމަނާފައެވެ.




