ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދ. ކުޑަހުވަދޫގައި މިއަދުން ފެށިގެންދޭން ފަށައިފިއެވެ.
މިއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދޭން ފަށާފައިވާ ދެވަނަ ފަހަރެވެ.
މީގެ ކުރިން މި ޚިދުމަތް ވެލާނާގެ ބިލްޑިންގައި ހުންނަ އާއިޑީ ކާޑު ކުނިޓުގެ އިތުރުން ގއ. ވިލިނގިލީގައި ދީފައިވާއިރު، މިއީ މިހިދުމަތް މިއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ދޭން ފަށާފައިވާ ދެވަނަ ފަހަރެވެ.
ދ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު މިހިދުމަތް ކުޑަހުވަދޫގައި ފަށާފައިވާއިރު، އެރަށުގައި މިހިދުމަތް ތައާރަފުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
މިހިދުމަތް ކުޑަހުވަދޫގައި ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ޙުސައިން ޙަމީދު އާއި ދ. އަތޮޅު ކައުންސިލްގެ ރައީސް އަދި ކައުންސިލް މެމްބަރުން އަދި ޑީއެންއާރު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ އިތުރުން ދާޚިލީ ވުޒާރާގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅަކަށްވާއިރު، މެޝިނަރީޒް ލިބެމުންދާވަރަކުން ޚިދުމަތް ދިނުމަށް ދާޚިލީ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު 11 ނޮވެމްބަރު 1993ގައި އެއޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކޮށް، މިހާތަނަށް ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ވެސް ވަނީ ގާއިމުކޮށްފައެވެ.
މީގެއިތުރުން، 2021 ވަނަ އަހަރު ކުރިމަތިވި ކޮވިޑްގެ ހާލަތާއި ގުޅިގެން ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަސައްކަތް ފަށާފައިވާއިރު، މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި މިހާރު ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަފައެވެ.
މިހިދުމަތުގެ ދަށުން، ކާޑު ޕްރިންޓުކުރުމަށްފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ޚިދުމަތް ވެސް ވަނީ ތަޢާރަފްކޮށްފައެވެ.



