މާލެ ސަރަހައްދުގައި ސަރުކާރުން ޓެކްސީގެ ޚިދުމަތްތަށް ދޭން ކުންފުންޏަކާ ހަވާލުކުރި ކަމުގައި ވިޔަސް، އެޚިދުމަތް ދޭން ފަށާނީ މިހާރު ވެސް ޓެކްސީ ވިޔަފާރި ކުރާ ފަރާތްތަކުގެ ވިޔަފާރިއަށް އެއްވެސް ލޮޅުމެއް ނާރާނެހެން ކަމުގައި މިނިސްޓަރ އޮފް ޓްރާސްންޕޯޓު އެންޑް ސިވިލް އޭވިއޭޝަން ޑރ. މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
”ޓެކްސީ ލައިން“ އެއް ތަޢާރަފްކޮށް މާލެ ސަރަހައްދުގެ ޓެކްސީ ޚިދުމަތް ދޭން ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް މިދިޔަ މަހު މިނިސްޓަރު އަމީން ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން މިނިސްޓަރު އަމީން އެއިރު ވިދާޅުވީ އެމްޓީސީސީގެ އާރްޓީއެލް ބަސް ކޮންސެޕްޓަށް ދޭނެ މި ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.
ޓެކްސީ ޚިދުމަތްތަށް ސަރުކާރުން ދޭން ފަށަން އުޅުމުން، މިހާރުވެސް އެ ޚިދުމަތްތަށް ދެމުންގެންދާ ފަރާތްތަކަށް ވިޔަފާރީގެ ގޮތުން ލިބިދާނެ ގެއްލުމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.
މިކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ ޓެކްސީގެ ހިދުމަތް ދިނުމަށް މިހާރު އުޅޭ މީހުންނަށް ގެއްލުމެއް ނުލިބޭނެ ގޮތަކަށް އެ ހިދުމަތް ދޭން ސަރުކާރުން އިސްކަން ދޭނެކަމަށެވެ.
”މިއަދު ވެސް މި ދަންނަވަނީ ޓެކްސީ ވިޔަފާރީގައި ތިބި ބޭފުޅުންނަށް އެއްވެސް ދެރަވާނެ ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ. މިކަން ކުރަން ޖެހޭ ސަބަބާއި މީގަ އޮތް ކޮންސެޕްޓާއި މިހާރު ޓެކްސީ ކުރާ މީހުންނަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމުގެ ޔަގީންކަން އަރުވަން“ މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މީގެއިތުރުން ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ މިހާރު ޓެކްސީގެ ވިޔަފާރި ކުރާ މީހުންގެ އާމްދަނީއަށް ގެއްލުން ނުވާނެ ގޮތަކަށް ސަރުކާރުން މިކަމުގެ ނިޒާމު ބައްޓަން ކުރާނެ ކަމަށެވެ.


