އެމެރިކާއަށް އައު ރައީސަކު ހޮވުމަށް އެ ޤައުމުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފެށިއްޖެއެވެ.
މި އިންތިހާބުގައި އެމެރިކާގެ މިހާރިގެ ރައީސް ޖޯ ބައިޑަން މިފަހަރު ވާދައެއް ނުކުރެއެވެ. އޭނާގެ ބަދަލުގައި މިފަހަރު ވާދަކުރަނީ އެ ޤައުމުގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް އާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ކަމަލާ އާއި ޓްރަމްޕް މި އިންތިހާބު ކާމިޔާބު ކުރުމަށް މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ބޭނުންވާނެއެވެ. އެމެރިކާގެ އެގޮތުން އެރިޒޯނާ، ޖޯޖިއާ، މިޗިގަން، ނެވާޑާ، ނޯތު ކެރޮލީނާ، ޕެންސިލްވޭނިއާ އަދި ވިސްކޮންސިން އަކީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ ވޯޓު ހޯދުން މުހިންމު ސްޓޭޓުތަކެވެ.
މިވަގުތު އެ އިންތިހާބުގެ ޕޯލް ނަތީޖާ ދައްކާ ގޮތުގައި ޑިކްސްވިލް ނޮޗްއިން ކަމަލާއާއި ޓްރަމްޕަށް ވޯޓު ލިބިފައިވަނީ އެއްވަރަކަށެވެ.
ކަމަލާއާއި ޓްރަމްޕް ވެސް އެމީހުންގެ ރިޔާސީ ކެމްޕެއިނު ރޭގައި ވަނީ ނިންމާލާފައެވެ. ކަމަލާ އޭނާގެ 107 ދުވަހުގެ ކެމްޕެއިނު ނިންމާލީ ޕެންސިލްވޭނިއާ ގައެވެ. އަދި ޓްރަމްޕް އޭނާގެ ކެމްޕެއިނު ނިންމާލީ މިޗިގަން ގައެވެ. އެއީ ޓްރަމްޕް އޭނާގެ ރިޔާސީ ތިން ކެމްޕެއިނުވެސް ނިންމާލި ސްޓޭޓެވެ.




