އެއްލައްކަ ރުފިޔާއިން ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފިއެވެ.
ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މިއިސްލާހު، ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފެންނަ ކަމަށް 60 މެންބަރުން ވޯޓު ދެއްވިއިރު ފަސް މެންބަރުން ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވުމުން ބިލް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލް ވަނީ ފޮނުވާފައެވެ.
މިބިލުގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އެ މީހަކު ޖޫރިމަނާ ކުރުމުގެ އިތުރުން، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެކުރިން އޮންނަ ގޮތުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކު ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ އެމީހަކު 30،000ރ. އާއި 75،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.



