ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.
ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު މިބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، މި ބިލުގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގަމުން އަންނަ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ރޭޓަށް ވަނީ ބަދަލުގެނެސްފައެވެ.
އެ ގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްކަމަށް ބަލާ މުދަލާއި ޚިދުމަތްތަކުން 1 ޖަނަވަރީ 2023 އިން ފެށިގެން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ނަގަމުން އައި %16 ނެގޭނީ 30 ޖޫން 2025 ގެ ނިޔަލަށެވެ.
އެއަށްފަހު، 1 ޖުލައި 2025 އިން ފެށިގެން ޓީ.ޖީ.އެސް.ޓީ ރޭޓް %17 އިތުރުވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ފިހާރަތައް، ޓޫރިޒަމް މުދަލެއް ނުވަތަ ޚިދުމަތެއްގެ ގޮތުގައި ޝަރުޠު ހަމަވާ ޚިދުމަތްތަކުގެ ތެރެއިން އިސްތިސްނާވެގެންވާނެއެވެ. އަދި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ކެފޭތައް ވެސް މީގެތެރޭގައި ހިމެނެއެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި ބިލު ފާސްވުމާ ގުޅިގެން މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
މިއަދު ރައީސް މިބިލު ތަސްދީޤު ކުރެއްވައިފައިވާއިރު، މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި މިހާރު ވަނީ އަމަލުކުރެވެން ފަށާފައެވެ.




