ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ޤާއިމްކުރާ ސެންޓަރުތަކެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުންދާއިރު މިހާރު ވަރަށް ބޮޑަށް ވަދު ކަނދުފަތި އެޅުމަށް އެދެމުން އަންނަމުންދާ ކަމަށާއި މިހާރުވެސް 89 ވަދު ކަނދުފަތި އެޅުމަށް އެކި ފަރާތްތަކުން އެދިފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، މޫސުން ގޯސް ދުވަސްވަރުގައި މަސް ކަނދުފަތިތައް ކަނޑައިގެންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިވަގުތު ރާއްޖޭގައި ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެއްކަމަށާއި، މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް މިހާރު އެ ވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އެހެންކަމުން އެވުޒާރާއިން ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ޤާއިމްކުރާގެ ދެ ސެންޓަރު އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މި ނިންމީ ރާއްޖޭގެ ދެ ސަރަހައްދުގައި އުތުރާއި ދެކުނުގައިވެސް ކަނދުފަތި ޕްރޮޑިއުސްކުރާ 2 ސެންޓަރު ޤާއިމްކުރުމަށް. އެގޮތުން ށ.އަތޮޅު ފުނަދޫއިން އަޅުގަނޑުމެންނަށް މިހާރު ބިމެއް އެލޮކޭޓްކުރެވި އެ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު އެ ކުރިއަށްދަނީ. އެންމެ ފުރަތަމަ ހުޅުމާލެއިން ބޭރުގައި ޤާއިމްކުރެވޭ ކަނދުފަތި ސެންޓަރަކަށް ވާނީ ށ.އަތޮޅު ފުނަދޫ. އޭގެއިތުރުން ގދ.ވާދޫ މިހާރު އަޅުގަނޑުމެން މިވަނީ އައިޑެންޓިފައި ކޮށްފައި ކަނދުފަތިތައް ޤާއިމްކުރުމަށް.“ ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯރޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗާއިއެކު ޖުމްލަ 2 ބާވަތެއްގެ ކަނދުފައްޗެއް ވަނީ އަޅާފައެވެ. މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހުގައި ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަ މަހުގެ މަސްވެރިކަމަށް ޚާއްޞަ 18 ކަނދުފައްޗާއި 11 ވަދު ކަނދުފައްޗާއިއެކު ޖުމްލަ 29 ކަނދުފަތި ވަނީ އަޅާފައެވެ.



