މިސަރުކާރުން މަސްވެރިންނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްބެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރާއި ދޭތެރޭގައި މަސްވެރިން އަތުން މިފްކޯއިން މަސް ގަންނަމުންދިޔަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ޖައްސާފައިވާ ކަމަށެވެ.
ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުއިރު، މަސްވެރިންނަށް ދޭން ޖެހޭ ވަރަށް ގިނަ ފައިސާ ނުދެއްކި އޮތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެއީ އެކަމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އެއީ އެއްވެސް ދިރާސާއަކަށް ބެލުމެއް ނެތި ސިޔާސީ ބޭނުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
”މި ދަންނަވަނީ ދައުރެއް ނިމިގެން އިންތިހާބެއް ތެރޭގައި ހިނގަމުން ދިޔަ ކަމެއްގެ ވާހަކަ. އެއީ ކޮން ކަހަލަ ނިޔަތެއްގައި ކުރި ކަމެއް ކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. އެއްވެސް ކަހަލަ ދިރާސާއަކަށް ބަލައިގެން ކުރި ކަމަކަށް އަލުގަނޑުމެން މިއަދު ވެސް ގަބޫލެއް ނުކުރަން، އަދި މަސްވެރިން ވެސް ގަބޫލެއް ނުކުރޭ. މަސްވެރިން ވެސް ގަބޫލު ކުރަނީ ސިޔާސީ ބޭނުމަށް ކުރި ކަމެއްކަން“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މަސްވެރިން އަތުން މަސް ގަންނަ އަގު ބޮޑު ކުރުމުގެ ސަބަބުން އެންމެ ބޮޑު އުނދަގުލަކަށްވީ، ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރު ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި އޮތުން ކަމަށެވެ. އެހެންނަމަވެސް، ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ އެ ފައިސާ ދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން އެމަސައްކަތުގެ ތެރެއިން މިސަރުކާރުން 17 ނޮވެމްބަރު 2023 އިން ފެށިގެން 27 އޮކްޓޯބަރު 2024 ނިޔަލަށް 1،042،060،897 ރުފިޔާ މަސްވެރިންނަށް ދީފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައގެންނެވި ވައުދުފުޅުތައް ފުއްދާނެކަމުގެ ޔަގީންކަން މަސްވެރިންނަށާއި ދިވެހި އާއިލާތަކަށް އަރުވާ ކަމަށެވެ.



