ރައީސް މުއިއްޒަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ތެދުވެރި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީލު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ކުޅުދުއްފުށި ސިޓީގައި ”ހަށިހެޔޮ ރާއްޖެ“ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިގްތިސާދުގެ ދަތިކަމާއެކު ބައެއް މަޝްރޫއުތަކަށް މަޑުޖެހުން އައިސްފައިވީ ނަމަވެސް ރައީސްގެ ރިފޯމް އެޖެންޑާގެ ދަށުން މިއަދު ކަންކަމަށް ލުއިތަކެއް ލިބެމުން އަންނަ ކަމަށެވެ.
އެގޮތުން، ހުއްޓިފައި ހުރި މަޝްރޫއުތައް ލަސްތަކެއް ނުވެ ނިމުމާއެކު އާ މަޝްރޫއުތައް ފެށިގެންދާނެކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ވަރަށް ރަނގަޅަށް އެމަނިކުފާނުގެ ހަނދުމަފުޅުގައި ހުންނަވާ ކަމަށެވެ.
”އެކަމަށް އިހުލާސްތެރި ބޭފުޅެއް އެއީ. އެމަނިކުފާނު އެ އޮތީ ވައުދު ފޮތެއް ވެސް ރައްޔިތުންނަށް ހުށަހަޅާ ދެއްވާފައި. އެއީ ސިއްރަކުން އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވާ ކަމެއް ނޫން. ތެދުވެރި ބޭފުޅެއް، ގައުމަށް އިހުލާސްތެރި ބޭފުޅެއް އެއީ،“ ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ވެރިކަމަށް ވަޑައިގެން ރައީސް އެންމެ ފުރަތަމަ ވެސް އިސްވެވަޑައިގެންނެވީ ރާއްޖެ ވެއްޓިފައި އޮތް އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކަމަށެވެ.
ގައުމު މިހާލަތަށް ދިޔައީ ބަޔަކު މީހުން ނަހަމަ ގޮތުގައި ކުރި ކަންތައްތަކެއްގެ ސަބަބުންކަން ފާހަގަކުރައްވަ ނައިބު ރައީސް ވަނީ މި ކަންކަމުން އަރައިގަތުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ ’ހިތްވަރުގަދަ މަސައްކަތްޕުޅަށް‘ ތައުރީފު ކުރައްވާފައެވެ.
ހަމައެއާއިއެކު ރަށްރަށަށް ވަޑައިގެން ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަމަށާއި އެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އުއްމީދަކީ މި އަންނަ އަހަރުގެ ތެރޭގައި މިފަދަ ކަންކަން ރައްޔިތުންނަށް ހާސިލުކޮށްދިނުން ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.



