މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިވައުދުފުޅު ހަނދާނުގައި އެބަހުރި ކަމަށާއި އެވައުދަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާދޭނެ ވައުދަކީ މި ސަރުކާރުން ފިލާނެ ވައުދެއް ނޫން ކަމަށާއި، މި ސަރުކާރުގައި މަސްވެރިކަމާއި ގުޅޭ ވައުދެއްނަމަ ނުފުއްދާ ނުތިއްބަވާނެ ކަމަށެވެ. އަދި އެވައުދު ފުއްދަން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.
”ރަތަމަ ކަމަކީ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް އިތުރު ކުރުމާއެކު މަސްވެރިން ސިނާއަތުގައި ހުރި ކަންކަން ހައްލުކުރުން. މަސްވެރި ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރެވޭއިރު ބާނާ މަހަށް ރަނގަޅު އަގެއް ދެވިފައި އަވަހަށް ފައިސާ ދޭނެ ފައިސާވެސް ހުންނާނެ،“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ މި ވައުދަކީ ލަސްތަކެއް ނުވެ ފުއްދާނެ ވައުދެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ އަމާޒަށް އެއް އަހަރު ތެރޭގައި މަސައްކަތް ކުރެވިފައިވާއިރު، އެއް އަހަރު ތެރޭގައި އެކަން ނުކުރެވުނީ މާލީ އުނދަގޫތަކުގެ ސަބަބުން ކަމަށެވެ.
”އެ ވައުދު ފުއްދުމުގެ ކަންތައްތައް މިހާރު ވެސް އަޅުގަނޑުމެން މި ކުރަނީ. މިފްކޯ އާއި ފިނޭންސް އާއި އަޅުގަނޑުމެންނާ އެކީގައި. އަދި އެސްޓީއޯ އާއި ބީއެމްއެލްއާ އެކީގައި ވެސް މަސައްކަތްތަކެއް އެބަކުރެވޭ އެކަމުގައި ފަސޭހަ މަގެއް އަޅުގަނޑުމެންނަށް ހޯދަން،“ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.



