މުޅި ކާއިނާތުގެ ރީތީގެ ރާނީ ހޮވުމަށް ކޮންމެ އަހަރަކު ވެސް ބާއްވާ ”މިސް ޔުނިވަރސް“ މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ފަރާތުން ބައިވެރިވާ މަރިޔަމް ޝައިނާ ނަސީމް މިހާރު ހުރީ އެ މުބާރާތުގައި ބައިވެރިވުމަށް މެކްސިކޯ ގައެވެ.
މެކްސިކޯގައި މި މަހުގެ 14 އިން 16 އަށް ބާއްވާ މިސް ޔުނިވަރސް މުބާރާތުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ބައިވެރިވާން އުޅޭކަމުގެ ޚަބަރު މިދިޔަ މަހު ފަހުކޮޅު ވަނީ ފެތުރިފައެވެ.
”ހީ އެންޑް ޝީ“ ގެ ފަރާތުން ޝައިނާއަށް އެ ފުރުސަތު ލިބި އިންޑިއާގައި ހުންނަ މެކްސިކޯ އެމްބަސީން އޭނާއަށް ވަނީ ވިސާ ވެސް ހަމަޖައްސައި ދީފައެވެ.
މިސް ޔުނިވަރސް މުބާރާތަކީ އެތައް ގިނަ ޤައުމެއްގެ އަންހެން މޮޑަލުން ބައިވެރިވާ ރީތީގެ ރާނީ ހޮވުމުގެ މުބާރާތެކެވެ. އެ މުބާރާތުގައި އެ އަންހެނުންނަށް ނިވާކަން ކުޑަ ހެދުން ލާން ޖެހޭއިރު، ”ޓޫ ޕީސް“ ނުވަތަ ”ބިކިނީ“ ލައިގެން ވެސް މޮޑެލް ކުރަންޖެހެއެވެ.
އެހެންކަމުން މިފަދަ މުބާރާތެއްގައި ދިވެއްސަކު ބައިވެރިވުމާ ގުޅޭގޮތުން ޔޫތު މިނިސްޓްރީން މިދިޔަ މަހުގެ 30 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ”މިސް ޔުނިވަރސް“ ގައި ދިވެއްސަކު ބައިވެރިވާތީ، އެއީ ރާއްޖެ ތަމްސީލު ކުރަން ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމަށް ދޭހަވާ ގޮތަށް ފެތުރެމުންދާ ވާހަކަތަށް އެ މިނިސްޓްރީން ކުށްވެރި ކުރާ ކަމަށެވެ.
”ދިވެހިންގެ ދީނާއި ޢަޤީދާއާއި ސަޤާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން. އަދި އެފަދަ ކަންކަމީ، ދިވެހިން ޤަބޫލު ކުރާ އާންމު އަޚުލާޤީ މިންގަނޑުތަކާ އުސޫލުތަކާވެސް ޚިލާފު ކަންކަމަށް ވާއިރު ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިޔުން ދިވެހި ސަރުކާރުން ކުށްވެރިކުރަން. އަދި އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ވެސް ގޮވާލަން“ ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ޔޫތު މިނިސްޓްރީން ބުނެފައިވަނީ ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުވުމަކީ ސަރުކާރުން ކުރާނެ ކަމަކަށް ނުވާއިރު އެއީ ސަރުކާރުން ކުރުވާ ކަމެއްކަން ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ ކަންކަމުގައި ދިވެހީން ބައިވެރި ނުވުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މިފަދައިން އަންގާފައިވީނަމަވެސް ޝައިނާ މިހާރު ހުރީ އެމުބާރާތުގައި ބައިވެރިވާން މެކްސިކޯގައެވެ. އަދި އޭނާ އަޅައިގެން ހުރި ބެނަރ ގައި ލިޔެފައިވަނީ ”މިސް ޔުނިޔަރސް ’މޯލްޑިވްސް'“ މިފަދައިންނެވެ. މާނައަކީ ސަރުކާރާ ދެކޮޅަށް ވެސް އޭނާ އެމުބާރާތުގައި ތަމްސީލު ކުރަނީ ރާއްޖެ ކަމެވެ.




