އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޮއޭވް ގަލާންޓް މަގާމުން ވަކިކުރީތީ އެ ޤައުމުގެ ރައްޔިތުން ނުރުހުން ފާޅުކޮށް، މުޒާހަރާ ކުރަން ފަށައިފިއެވެ.
އެގޮތުން އިޒްރޭލު ރައްޔިތުން ވަނީ އެ ޤައުމުގެ ވެރިރަށް ތެލްއަވީވްގެ މަގުތަކުގައި ހުޅުޖަހައި، ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދިރިއުޅޭ ގެ ވަށާލައިފިއެވެ. ނަތަންޔާހޫގެ ސެކިއުރިޓީން ދަނީ މުޒާހަރާގެ ބައިވެރީން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
ނަތަންޔާހޫ ވަނީ އިއްޔެގެ ވަގުތެއްގައި ޑިފެންސް މިނިސްޓަރު ގަލާންޓް އެމަގާމުން ވަކިކޮށް، އެމަގާމަށް އިޒްރައެލް ކެޓްސް އައްޔަނު ކޮށްފައެވެ. އެގޮތުން ނަތަންޔާހޫ ބުނީ ގަލާންޓް މަގާމުން ވަކިކުރަން ނިންމީ އިންޒާރު ދިނުމުން ވެސް ތަކުރާރުކޮށް އަމުރަށް ނުކިޔަމަންތެރިވަމުން ދިޔުމުން ކަމަށާއި ކެބިނެޓާވެސް ޚިލާފަށް މަސައްކަތް ކުރަން ފެށުމުން ކަމަށެވެ. އަދި ފާއިތުވީ މަސްތަކުގައި ނަތަންޔާހޫއާއި ގަލާންޓާ ދެމެދު ދެބަސްވުންތަކެއް އިތުރުވެފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަތަންޔާހޫގެ މި ނިންމުމަކީ މިހާރު އެމެރިކާގައި ކުރިއަށްދާ އެޤައުމުގެ ރިޔާސީ އިންތިހާބާ ގުޅިފައިވާ ކަމެއް ކަމަށް ބެލެވެއެވެ. ސަބަބަކީ ގަލާންޓަކީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންއާ ގާތްގުޅުމެއް އޮންނަ ފަރާތަކަށްވެފައި މިފަހަރުގެ އިންތިހާބުގައި އޭނާ ވާދަ ނުކުރާއިރު މިއީ މިއިންތިހާބުގައި ވާދަކުރާ ޑޮނަލްޑް ޓްރަމްޕުގެ ހިތް ރުއްސަން ނަތަންޔާހޫ ކުރިކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބަކީ އެމެރިކާގެ ރިޔާސީ އިންތިހާބު ޔަގީނުންވެސް ކާމިޔާބު ކުރާނީ ޓްރަމްޕްކަމަށް ނަތަންޔާހޫއަށް ޤަބޫލު ކުރެވުން ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.


