ރާއްޖޭގައި ހުރި އެހެން ޤައުމުތަކުގެ ބައެއް އެމްބަސީތައް ކައިރީގައި މުޒާހަރާ ކުރި މައްސަލައިގައި އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމްގެ މައްޗަށް ދައުވާކޮށްފިއެވެ.
ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ އާއި ޑރ. ޝަޒްރާ އެ އެމްބަސީތައް ކައިރީގައި މުޒާހަރާ ކޮށްފައިވަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލާފައެވެ.
އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދެމީހުންގެ މައްޗަށް އުފުލާފައިވަނީ:
- ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި
- އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާގެ ތެރެއިން ފުރަތަމަ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. ދެވަނަ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ޝާދިޔާ އަދި ޑރ. ޝަޒްރާގެ މައްޗަށް ދައުވާ އުފުލާފައި މިވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނާ ހިލާފަށް ބޭރުގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތައް ކައިރިއަށް އެކި ދުވަސްމަތިން ގޮސް، އެތަންތަން ކައިރީގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ޑިޕްލޮމެޓިކް މިޝަންތަކަށް އަދި ޑިޕްލޮމޭޓުންނަށް ދަތިވާ ގޮތަށް އަމަލު ކޮށްފައިވާތީއެވެ.




